ޝަންހާއީ އެއާޕޯޓުގައި ޗައިނާ އީސްޓަންގެ ބޯޓެއް ބޯޑިން ބްރިޖެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

ޗައިނާގެ ޝަންހާއީ އެއާޕޯޓަށް ޖެއްސި ޗައިނާ އީސްޓަން އެއާލައިންސްގެ ބޯޓެއް، ޕާކު ކުރަން ދިޔަ މަގުމަތީގައި ޕަސެންޖަރުން އަރާ ފޭބުމަށް ބޭނުންކުރާ ބޯޑިން ބްރިޖެއްގައި ޖެހި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.

އެއާލައިނުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ޗެންގްޑޫ އިން ފުރައިގެން އައި އެ ބޯޓު ލޭންޑް ކުރުމަށްފަހު، މަޑުމަޑުން ގޭޓާ ދިމާއަށް ދަތުރުކުރަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. މި މައްސަލައިގެ ސަބަބުން ބޯޓު ކޮންޓްރޯލުން ނެއްޓި، ޖެޓް ބްރިޖުގައި ވަނީ ޖެހިފައެވެ.

މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް ފަސިންޖަރަކަށް ނުވަތަ ފަޅުވެރިއަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ޗައިނާ އީސްޓަން އިން ބުނީ ހާދިސާ ހިނގުމާއެކު ކޮކްޕިޓް ކުރޫއިން ވަނީ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކޮށް، ބޯޓު ރައްކާތެރިކަމާއެކު ހުއްޓުވާފައެވެ. އަދި ބޯޓުގައި ތިބި ހުރިހާ ފަސިންޖަރުން ވަނީ ރައްކާތެރިކަމާއެކު ބޯޓުން ބާލާފައެވެ.

އެއާޕޯޓް އޮތޯރިޓީތަކާއި އެއާލައިން ގުޅިގެން މިހާރު ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ޚާއްސަ ތަހުގީގެއް ފަށާފައެވެ. މި ތަހުގީގުގައި ބޯޓަށާއި ބޯޑިން ބްރިޖަށް ލިބިފައިވާ ގެއްލުންތައް ވަޒަންކުރާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މި ހާދިސާގެ ސަބަބުން އެއާޕޯޓުގެ އާންމު އޮޕަރޭޝަންތަކަށް އެއްވެސް ބުރޫއެއް އަރާފައި ނުވާ ކަމަށް އެއާލައިނުން ވަނީ ކަށަވަރުކޮށްދީފައެވެ.

ހިއްސާ ކުރައްވާ!