ކޮޅުނބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި މައިގަނޑު ދެ ހަރަކާތުގައި، އެމަނިކުފާނު ވަނީ ރާއްޖެއާއި ސްރީލަންކާ ގުޅުމާއި ސަރަޙައްދީ ހައިސިއްޔަތާ ބެހޭ މާނަފުން މެސެޖެއް ދެއްވާފައެވެ. ދައުލަތުގެ ޖާފަތުގައި ދެއްވި ތަޤުރީރުގައި ރައިސުލްޖުމްހޫރިއްޔާ ވަނީ ދެ ގައުމުގެ ތާރީޚީ ގުޅުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ދެއްވި ނޫސްބަޔާނުގައި އެމަނިކުފާނު ސަމާލުކަން ދެއްވީ ސިޔާސަތުތަކާއި، ކަންކަން ތަންފީޒުކުރުމާއި، އަދި ރާއްޖޭން ގަސްތުކުރާ އިޤްތިޞާދީ މިޞްރާބުގެ މައްޗަށެވެ. މި ދެ ހަރަކާތުން ފެނިގެންދިޔައީ، ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުން ރަމްޒީ ގޮތުންނާއި އަމަލީ ގޮތުން އާ އުސްމިންތަކަކަށް ގެންދިއުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅެވެ.
ދައުލަތުގެ ޖާފަތުގެ ތަޤުރީރުގައި ރައީސް މުޢިއްޒުގެ ވާހަކަފުޅު ބޮޑަށް ބިނާކުރެއްވީ ދެގައުމުގެ ގުޅުން ސިފަކުރައްވައި ދެގައުމުން ހިއްސާކުރާ ތާރީޚީ ހަނދާންތަކުގެ މައްޗަށެވެ. އެގޮތުން ސްރީލަންކާއަކީ "ދިވެހިންގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ ޤައުމެއް" ކަމުގައި ސިފަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ގުޅުމަކީ "ދެ ޖަޒީރާ ޤައުމު ގުޅުވައިދޭ ކަނޑު ބާނިތަކާ އެއްފަދައިން، ދެމިގެންވާ" ގުޅުމެއް ކަމަށް ސިފަކުރެއްވިއެވެ.
ޖާފަތުގައި ރައީސްގެ ވާހަކަފުޅު ބިނާ ކުރެއްވީ ގުޅުމުގެ ގާތްކަން ހާމަކޮށްދެއްވުމަށް އަދަބީ ގޮތުން މުއްސަނދި ުސްލޫބަކަށެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި މެދުކެނޑުމެއް ނެތް ގުޅުން ހާމަކޮށްދިނުމަށް ބޭނުންކުރެއްވި ބަސްމަގަކެވެ. ދިވެހިން އަބަދުވެސް ސްރީލަންކާއާ މެދު ދެކެނީ "އާއިލާއެއް ފަދަ ގާތް އަވަށްޓެރިއެއްގެ" ގޮތުގައިކަން ހަނދާންކޮށްދެއްވި އެވެ. އަދި މި ގުޅުމަކީ ހަމައެކަނި ސިޔާސީ ގުޅުމަކަށްވުރެ ބޮޑަށް، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއްގެ ގޮތުގައި ބޭއްވުމަށް ބޭނުންފުޅުވާ ކަންވެސް ހާމަކޮށްދެއްވިއެވެ.
ރައީސް މުޢިއްޒުުގެ ތަޤުރީރުގައި މައިގަނޑު މިސާލެއްގެ ގޮތުގައި ބޭނުންކުރެއްވީ ކަނޑެވެ. ރައީސް މުޢިއްޒު ވިދާޅުވީ ކަނޑަކީ "އަޅުގަނޑުމެން ވަކިކުރާ އެއްޗެއް ނޫން" ކަމަށާއި، އެއީ "އަޅުގަނޑުމެން ގުޅުވައިދޭ" އެއްޗެއް ކަމަށެވެ.
އިންޑިއާ ކަނޑަކީ ވާދަވެރިކަމުގެ މައިދާނެއްގެ ބަދަލުގައި، އެންމެން ހިއްސާވާ ސްޓްރެޓެޖިކް ސަރަޙައްދެއްގެ ގޮތުގައި ސިފަކުރެއްވުމަށް ރައީސް ބޭނުންކުރެއްވި އުސްލޫބެކެވެ.
ތިމާވެށީގެ ނާޒުކުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުންވެސް މޫސުމީ ބަދަލުތަކަކީ "މި ޒަމާނުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން" ކަމުގައި ވިދާޅުވެ، ދެ ގައުމުން ގުލިގެން މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.
ދެ ގައުމުގެ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު ހެނދުނު ދެއްވި ނޫސްބަޔާން ބިނާ ކުރައްވާފައި ވަނީ އިންތިޒާމުވެފައިވާ، އަމަލީ ނަތީޖާތަކެއް ނެރުމުގެ މައްޗަށެވެ. އަދި އެ ބަޔާނުގައި ބޮޑަށް އަލިއަޅުއްވާލެއްވީ ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ކުރިއަށްދާނެ ގޮތްތަކާއި، ތާވަލުތަކާއި، އަދި މުއައްސަސާތަކުގެ މެދުގައި އޮންނަ އެއްބާރުލުމުގެ މައްޗަށެވެ.
ރައީސް މުޢިއްޒު ސިފަކުރެއްވި ގޮތުގައި ސްރީލަންކާގެ ރައީސާއެކު ބޭއްވެވި މަޝްވަރާތަކަކީ "ވަރަށް ކާމިޔާބު" މަޝްވަރާތަކެކެވެ. އަދި މި ދަތުރުފުޅަކީ "މުސްތަޤުބަލަށް އަމާޒުހިފާފައިވާ ގުޅުމެއްގެ ފެށުން" ކަމުގައި ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ގުޅުން މިހާރު މިވަނީ ހަމައެކަނި ރަމްޒީ ކަންކަމަށްވުރެ ބޮޑަށް، ތަރުތީބުކުރެވިފައިވާ ސިޔާސަތުތަކެއްގެ ދަށުން މަސައްކަތްކުރާ އަމަލީ ނަތީޖާ ނެރެދޭ މަރުހަލާއަކަށް ވަދެފައިވާ ކަން ދޭހަވެއެވެ.
ރައިސްގެ ވގހަކަފުޅުގައި ފާހަގަކުރެއްވި ދާއިރާތައް ގިނަ ނަމަވެސް، އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ކަންކަން ތަންފީޒުކުރުމަށް ދެއްވި އަހަންމިއްޔަތެވެ. "އަޅުގަނޑުމެންގެ އަމާޒު މިހާރު ސާފު: އެއީ ނަތީޖާ ނެރުމާއި ތަންފީޒުކުރުން،" ރައީސްގެ ޕްރެސް ސްޓޭޓްމެންޓްގައި ވިދާޅުވިއެވެ.
މި ނޫސްބަޔާނުގެ އެންމެ މުހިންމު ބަޔަކީ އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ވާހަކައެވެ. ރައީސް މުޢިއްޒު ވަނީ "ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފުޅާކުރުމާ" އަދި "ވިޔަފާރީގެ އާ ފުރުސަތުތައް ހުޅުވާލުމާ" ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް، ދެ ގައުމުގެ ދެމެދުގެ ވިޔަފާރީގެ ތަފާތުތަކުގެ މައްސަލަ ފާހަގަކުރައްވައި، "މިހާރަށް ވުރެ ބޮޑަށް ހަމަހަމަ، އިންސާފުވެރި، އަދި ދެފަރާތަށްވެސް ފައިދާހުރި" ގުޅުމެއްގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ގާއިމުކުރުމުގެ ފުރުސަތާއި، ރާއްޖޭގެ މަތީ ފެންވަރުގެ މަހުގެ އުފެއްދުންތައް ސްރީލަންކާއަށް ތައާރަފުކުރުމަކީ މިފަރަގު ކުޑަ ކުރުމުގެ އެންމެ ސާފު އަމަލީ މިސާލުތަކެވެ. މީގެ އިތުރުން، މިއީ ސަރަހައްދީ ފެންވަރުގައި ރާއްޖޭގެ އިގްތިސާދީ ނުފޫޒު ފުޅާކުރުމުގެ ތަސައްވުރެއް ކަމަށް ބެލެވެއެވެ.
ސަލާމަތީ ދާއިރާގެ އެއްބާރުލުމަށް ވެސް ބޮޑު އިސްކަމެއް ރައީސްގެ ބަޔާންގައި ދެއްވިއެވެ. ކަނޑުގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ރާއްޖެއިން ދޭ ސަމާލުކަން ރައީސް މުޢިއްޒު ތަކުރާރުކުރެއްވިއެވެ. އަދި "ގުޅިފައިވާ ތަމްރީނުތަކާއި، ތަމްރީނު ދިނުމާއި، ގާބިލުކަން އިތުރުކުރުމުގެ ތެރެއިން ސްރީލަންކާއިން މެދުނުކެނޑި ދެމުންދާ އެހީތެރިކަން ރާއްޖެއިން ނުހަނު ބޮޑަށް ބަލައިގަންނަ" ކަމަށް ވިދާޅުވިއެވެ.
މި ދެ ތަގުރީރުގެ މެސެޖު އެއްކޮށްލުމުން ދޭހަވަނީ، ރާއްޖެއިން ބޭނުންވަނީ ސްރީލަންކާއާއެކު އޮންނަ ގުޅުމަކީ ރައްޔިތުންނާއި ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމަކަށް ވުމުގެ އިތުރުން، އެއީ ނަތީޖާ ފެންނަ، އިންތިޒާމުވެފައިވާ އަދި ރާއްޖެއިން ގައުމީ އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގުޅުމަކަށް ވުމަށް ބޭނުންވާ ތަސައްވުރެވެ.



