ކޮލަމްބޯގައި ބޭއްވި މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ތަޤުރީރުގައި، ރައީސް ވަނީ ސާފު މެސެޖެއް ދެއްވާފައެވެ. އެއީ ރާއްޖެއާއި ސްރީލަންކާގެ އިޤްތިޞާދީ ގުޅުމުގެ ދެން އޮތް މަރުޙަލާއަކީ ދެފަރާތަށްވެސް ފައިދާހުރި، ފުޅާ، އަދި ސަރަޙައްދީ މަޞްލަޙަތުތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމަކަށް ވާންޖެހޭނެ ކަމެވެ.
"ސްރީލަންކާގައި ދިވެހި ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވާލުމަށް" ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވި ގޮވާލެއްވުމާއި، "ހަމަހަމަ އަދި ދެމެހެއްޓެނިވި އިޤްތިޞާދީ ގުޅުމަކަށް ދެފަރާތުގެ އިންވެސްޓްމަންޓްތައް މުހިންމު" ކަމަށް ވިދާޅުވި ވިދާޅުވުމަކީ، ފުރުޞަތުތަކާއި އުންމީދުތަކުން މަސްހުނިވެފައިވާ ތަޤުރީރެއްގެ ބިންގަލެވެ.
ރައީސުލްޖުމްހޫރިއްޔާ ދެ ގައުމުގެ ގުޅުމުގެ މި ދަނޑިވަޅު ސިފަކުރެއްވީ ބޮޑު ބަދަލެއް އަންނަވީ ވަގުތުގެ ގޮތުގައެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް 60 އަހަރުވީ ސިޔާސީ ގުޅުމަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ދެފަރާތަށް އޮތީ އިޤްތިޞާދީ އުންމީދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިވެރިވުމެއް ބައްޓަންކުރުމުގެ ފުރުޞަތެއް ކަމަށެވެ.
"އަޅުގަނޑުމެން މިކަން ކުރަނީ އަޅުގަނޑުމެންގެ ދިގު މުއްދަތުގެ އެކުވެރިކަމާ މެދު ފަޚުރުވެރިވަމުން، އަދި އައު ބާބެއް ފެށުމަށް އޮތް ވަރުގަދަ އަޒުމަކާއެކު،" ވިޔަފާރީގެ ގުޅުންތައް އަލުން ބައްޓަންކުރުމުގެ މަންސައެއްގެ ގޮތުގައި މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ސިފަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުގެ ބޮޑު ބައެއް އަމާޒުކުރެއްވީ ރާއްޖޭގެ އިގްތިސާދީ އިޞްލާޙުތަކަށެވެ. ރާއްޖެއަކީ "ކުރިއަރަމުން އަންނަ ޤައުމެއް" ގެ ގޮތުގައި ސިފަކުރައްވަމުން، ރާއްޖެއަކީ ތަރައްޤީވެފައިވާ، ދެމެހެއްޓެނިވި ޤައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ "ވިޜަން 2040″ މާރެހަށް އަލިއަޅުއްވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ހަމައެކަނި ވާހަކައެއް ނޫން ކަމަށާއި، އެ މާރެހަކީ މަގުދައްކައިދޭ އަސާސެއް ކަމަށެވެ. "މި ތަޞައްވުރަކީ ދުރުގައިވާ ހުވަފެނެއް ނޫން. މިއީ އަޅުގަނޑުމެން ނިންމާ ކޮންމެ ސިޔާސީ ނިންމުމެއްގެ ފަހަތުގައިވާ އިސްތިރާތީޖީ އިލްތިޒާމެއް." ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސްގެ "ވިޜަން 2040″ މާރެހަށް ބާރުދެއްވުމުގެ ގޮތުން، އިންވެސްޓްމަންޓްތައް ހޯދުމަށްޓަކައި ރާއްޖޭގެ ޤާނޫނީ އޮނިގަނޑަށް ގެނެސްފައިވާ ސިލްސިލާ ބަދަލުތަކަށް އެމަނިކުފާނު އިޝާރާތް ކުރެއްވިއެވެ. ޒަމާނީ ކުރެވިފައިވާ ފޮރިން އިންވެސްޓްމަންޓް ޤާނޫނާއި، ބޭރުގެ އިންވެސްޓަރުން ރާއްޖެ އެތެރެވުމަށް އޮންނަ އުޞޫލުތަކަށް ގެނައި ބަދަލުތަކާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގެ ޤާނޫނަށް ގެނައި އިޞްލާޙުތަކަކީ، އިތުބާރު ހުރި އަދި ވާދަވެރި މާޙައުލެއް ޤާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ހެކިތަކެއްގެ ގޮތުގައި ހުށަހެޅުއްވިއެވެ. "އަޅުގަނޑުމެން ބައްޓަން ކުރަމުން މިދަނީ ހުޅުވާލެވިފައިވާ، ހަރަކާތްތެރި، އަދި ދުނިޔޭގެ ފެންވަރުގައި ވާދަވެރި އިޤްތިޞާދެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އިންވެސްޓަރުންގެ އިތުބާރު ރާއްޖެއާ މެދު ބަދަލުވަމުންދާކަމުގެ ނިޝާނެއްގެ ގޮތުގައި ގޫގުލްގެ "ދިވަރު" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު އެ މަޝްރޫޢު ސިފަކުރެއްވީ "ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން މިހާރު ރާއްޖެއަށް ކުރާ އިތުބާރުގެ ސާފު ހެއްކެއް" ގެ ގޮތުގައެވެ. އަދި މީގެ ސަބަބުން އިންޑިއާ ކަނޑުގެ "ކުރިއަރަމުން އަންނަ ޑިޖިޓަލް ހަބަކަށް" ރާއްޖެ ވެގެންދާނެ ކަމަށް ވިދާޅުވިއެވެ. މި މިސާލުން ބާރުދެއްވީ ރާއްޖެއަކީ ބޮޑެތި އަދި ތަފާތު ދާއިރާތަކުން ބައިވެރިވުންތަކަށް ތައްޔާރަށް އޮތް ޤައުމެއް ކަމަށް ރައީސް ދައްކަވާ ވާހަކަފުޅަށެވެ.
ސްރީލަންކާއާ ރާއްޖޭގެ ވިޔަފާރި ގުޅުމާ ގުޅޭގޮތުން ރައީސް ވާހަކަފުޅު ދެއްކެވީ މި މޭރުމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި، ޢިމާރާތްކުރުމާއި، ޚިދުމަތުގެ ދާއިރާގައި ސްރީލަންކާގެ ވިޔަފާރިތަކުން އަދާކުރާ ދިގު މުއްދަތުގެ ދައުރު ރާއްޖެއިން ބަލައިގަތް ނަމަވެސް، ދެން ކުރިއަށް އޮތް މަރުޙަލާ ވާންޖެހޭނީ މިއަށްވުރެ ހަމަހަމަ މަރުޙަލާއެއް ކަން ރައީސުލްޖުމްހޫރިއްޔާ ސާފުކޮށްދެއްވިއެވެ.
"އަޅުގަނޑުމެންގެ ކުރިއެރުމަށް އެހީތެރިވެދޭ އިންވެސްޓްމަންޓްތަކަށް އަޅުގަނޑުމެން މަރުޙަބާ ކިޔަން. އެއީ ހަމައެކަނި ރައުސްމާލެއްގެ ގޮތުގައެއް ނޫން، އިލްމާއި، ތަޖުރިބާއާއި، ދިގު މުއްދަތުގެ ބައިވެރިވުމެއްގެ ގޮތުގައި،" ރައީސްގެ ތަޤްރީރުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ކަނޑުގެ އަނެއް ފަރާތުން ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރާ ދިވެހި ކުންފުނިތަކަށް ސްރީލަންކާއިން އިތުރު ދޮރުތައް ހުޅުވައިދިނުމަށް ކޮލަމްބޯ ސަރުުކާރަށް ރައީސް ބާރުއެޅުއްވިއެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދު ހުޅުވާލައި، ނިޒާމުތައް އިޞްލާޙުކޮށް، ރާއްޖޭގެ އުންމީދުތަކާ އެއްވަރުގެ ބައިވެރިން ހޯދަމުންދާ ކަމަށް ވިދާޅުވަމުން ރައީސް ބާރުއެޅުއްވީ، ދެފަރާތަށް ފައިދާވާނެ ގޮތް ގޮތަށް ކަންކަން ރޭވިފައި އޮތުމަށެވެ. ދެޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް ބަދަލުކުރުމަށް ރައީސް ސްރީލަންކާއަށް ކުރެއްވި އިލްތިމާސަކީ ހަމައެކަނި ދެއްކެވި ވާހަކަފުޅެއް ނޫނެވެ. އެއީ ދެޤައުމުގެ އިޤްތިޞާދީ ގުޅުމުގެ މުސްތަޤުބަލާ ސީދާ ގުޅިފައިވާ މައިގަނޑު އަސާސެވެ.
"އާ އަޒުމަކާއެކު އަޅުގަނޑުމެން މި ފޯރަމް ނިންމާލަމާ ހިނގާށެވެ. އެކުގައި ބިނާކުރުމަށާއި، އެކުގައި އައު އީޖާދުތައް ކުރުމަށާއި، އަދި އެކުގައި ކުރިއެރުމަށް،" ތަޤުރީރު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ތަޤުރީރުން ދޭހަވީ، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ގުޅުމުގެ ކުރިއަށް އޮތް ބާބު ބިނާވާނީ ހަމައެކަނި ހިއްސާކުރާ ތާރީޚެއްގެ މައްޗަށް ނޫން ކަމަށާއި، އެ ގުޅުން ކުރިމަގަށް ބިނާ ވަނީ ދެ ގައުމުން ހިއްސާކުރާ ހަމަހަމަ އިޤްތިޞާދީ ފާއިދާތަކެއްގެ މައްޗަށް ކަމެވެ.



