ރައީސް މުއިއްޒު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅު ނިންމަވާލައްވަމުން ސިންހަޅަ އަދި އިނގިރޭސި ބަހުން ޕޯސްޓް ކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ކޮލަމްބޯއިން އެނބުރި ވަޑައިގަންނަވަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ އާ އަޒުމަކާއެކު ކަމަށެވެ. އަދި އެމަނިކުފާނަށާއި، ފަސްޓް ލޭޑީ އަދި ދިވެހި ވަފުދަށް ލަންކާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު ހޫނު މަރުހަބާއަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

މި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އަދި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާއެކު ބޭއްވެވި މަޝްވަރާތަކަކީ ވަރަށް އުފެއްދުންތެރި އަދި ފުޅާ ދާއިރާއެއްގައި ކުރިއަށްދިޔަ މަޝްވަރާތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މި ބައްދަލުވުންތަކުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާހުރި ނަތީޖާއެއް ނެރެދިނުމަށް ދެ ސަރުކާރުން ކުރާ މަސައްކަތަށް އޮތް އިތުބާރު ބޮޑުވެގެން ގޮސްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ފުރަމާނަ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވުނު ދަތުރުފުޅެކެވެ. އޭގެ ތެރޭގައި ވިޔަފާރި، ތައުލީމު، މަސްވެރިކަން އަދި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ.

ދަތުރުފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، މި އެއްބަސްވުންތަކުގެ ދަށުން އަމަލީ ގޮތުން ކުރިއެރުންތައް ހޯދުމަށް ސްރީލަންކާއާއެކު މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އަބަދުވެސް ދެމިއޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!