އިންޑިއާގެ ކުންފުނިތަކުން އެމެރިކާގައި ކުރާ އިންވެސްޓްމަންޓްތައް ވަރަށް ބޮޑަށް އިތުރުވަމުންދާކަން އެމެރިކާއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސާޖިއޯ ގޯ ފާހަގަކުރައްވައިފިއެވެ. ވޮޝިންޓަންގައި ކުރިއަށްދާ ސެލެކްޓް ޔޫއެސްއޭ ސަމިޓުގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ޓެކްނޮލޮޖީ، މެނުފެކްޗަރިން އަދި ފާމަސޫޓިކަލް ދާއިރާތަކުން އިންޑިއާގެ ކުންފުނިތަކުން 20.5 ބިލިއަން ޑޮލަރަށްވުރެ ގިނަ އިންވެސްޓްމަންޓް އެމެރިކާއަށް ގެންނާނެ ކަމަށެވެ.
ސަފީރު ހާމަކުރެއްވި ގޮތުގައި، އެންމެ ދުވަހެއްގެ ތެރޭގައި އިންޑިއާގެ 12 ކުންފުންޏަކުން 1.1 ބިލިއަން ޑޮލަރުގެ އާ އިންވެސްޓްމަންޓްތައް އެމެރިކާގައި ކުރުމަށް ވަނީ އިޢުލާނުކޮށްފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން ވަރުގަދަވަމުންދާ ކަމުގެ ހެއްކެއް ކަމަށާއި، މީގެ ސަބަބުން އެމެރިކާގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ސަޕްލައި ޗެއިންތައް ވަރުގަދަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "މި ޕާޓްނަޝިޕްތަކުގެ ސަބަބުން އެމެރިކާގައި ހަގީގީ ވަޒީފާތައް އުފެދި، ސަޕްލައި ޗެއިންތައް ދަނީ ވަރުގަދަވަމުން،" ސަފީރު ވިދާޅުވިއެވެ.

އެމެރިކާގެ ޑެޕިއުޓީ އަންޑަސެކްރެޓަރީ ފޯ ޕޮލިސީ އެންޑް އިންޓަނޭޝަނަލް ޓްރޭޑް އެޑްމިނިސްޓްރޭޝަން، ބްރެންޑަން ރެމިންގްޓަން ވިދާޅުވީ އިންޑިއާގެ ކުންފުނިތަކުން އެމެރިކާގައި މިހާތަނަށް ގާތްގަނޑަކަށް 16.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން އެމެރިކާގެ 70,800 އެއްހާ ވަޒީފާއަށް އެހީތެރިކަން ލިބޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އިންޑިއާގެ ކުންފުނިތަކުން ރިސާޗް އެންޑް ޑިވެލޮޕްމަންޓަށް 300 މިލިއަން ޑޮލަރަށްވުރެ ގިނައިން ހޭދަކޮށްފައިވާކަންވެސް އޭނާ ހާމަކުރެއްވިއެވެ.
މި އިންވެސްޓްމަންޓްތަކާއެކު ދެ ގައުމުގެ ގުޅުން ބަދަހިވަމުންދިޔަ ނަމަވެސް، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާއިން އިންޑިއާގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔާއިރު، އިމިގްރޭޝަން އުސޫލުތަކާއި ޓެކްނޮލޮޖީއަށް އަޅާ ހުރަސްތަކުގައި ތަފާތުކުރުންތައް ގެންގުޅެއެވެ. އަދި އެމެރިކާއިން "އެއް ފަރާތުން ނަސްލީ ތަފާތުކުރުން ގެންގުޅޭއިރު އަނެއް ފަރާތުން އިންޑިއާގެ ފައިސާއަށް ބޫތުކައިފާވާ" ކަމަށެވެ.
މި ފާޑުކިޔުންތަކާއެކުވެސް، އިންޑިއާގެ އައިޓީ އަދި ފާމަސޫޓިކަލް ކުންފުނިތަކުން އެމެރިކާގެ ބާޒާރުގައި މުހިންމު ދައުރެއް އަދާކުރަމުންދެއެވެ. އެމެރކާގެ ޓްރަމްޕް ސަރުކާރުން ދަނީ އިންޑިއާ މީހުން ބޭރުކޮށް އެމީހުންނަށް ވިސާ ދިނުން ހަރުކަށި ކުރަމުންނެވެ. އެމެރިކާ ސަރުކާރުން ދެކޭގޮތުގައި އިންޑިއާއާއެކު އޮންނަ އިގްތިސާދީ ގުޅުމަކީ ކުރިމަގުގެ ކުރިއެރުމަށް އެޅޭ މުހިންމު ބިންގަލެކެވެ.





