ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހާކާން ފިދާން އާއި ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން އާލަސައުދު، ދެ ގައުމުގެ ދެމެދުގައި ވަކި ގިންތިތަކަކަށް ވިސާ މައާފުކުރުމުގެ މުހިންމު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ތުރުކީ-ސައުދީ ކޯޑިނޭޝަން ކައުންސިލްގެ ތިންވަނަ ބައްދަލުވުމުގެ ތެރެއިންނެވެ.
ތުރުކީގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމަކީ ދެ ގައުމުގެ ސަރުކާރުގެ މެދުގައި ވެވުނު "ޑިޕްލޮމެޓިކް އަދި ޚާއްސަ ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ވިސާ މައާފުކުރުމުގެ އެއްބަސްވުމެކެވެ." މީގެ ސަބަބުން ދެ ގައުމުގެ ރަސްމީ ދަތުރުފަތުރުތަކުގައި ބޮޑެތި ބޭފުޅުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
ތުރުކީ-ސައުދީ ކޯޑިނޭޝަން ކައުންސިލަކީ 2016 ވަނަ އަހަރު އުފެއްދި ނިޒާމެކެވެ. މި ކައުންސިލްގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް ހުރިހާ ދާއިރާއަކުން މުއައްސަސާީ އޮނިގަނޑެއްގެ ތެރެއިން ކުރިއެރުވުމެވެ. މި ކައުންސިލްގައި ސިޔާސީ، އަސްކަރީ، ސަގާފީ، ތައުލީމީ އަދި ވިޔަފާރީގެ ދާއިރާތައް ހިމެނޭހެން ފަސް ސަބް-ކޮމިޓީއެއް ހިމެނެއެވެ.
ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ދަނީ ހުރިހާ ދާއިރާއަކުންވެސް ވަރުގަދަވަމުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ނިޔަލަށް ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 8.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ.
މި ބައްދަލުވުމަކީ ދެ ގައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ކައުންސިލްގެ ފުރަތަމަ ބައްދަލުވުން 2017 ވަނަ އަހަރު އަންކާރާގައި ބޭއްވިއިރު، ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ 2025 ވަނަ އަހަރުގެ މެއި މަހު ރިޔާޟްގައެވެ.





