ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން މަތިންދާބޯޓުތަކަށް ބޭނުންވާ ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، އޮޕަރޭޓިން ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އެމެރިކާގެ ބައެއް ބޮޑެތި އެއާލައިންތަކުން ކުރު ދަތުރުތަކުގައި ކެއުމާއި ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމަށް ނިންމައިފިއެވެ.
މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި އާ ސިޔާސަތުގެ ދަށުން، 350 މޭލަށްވުރެ ކުރު ދަތުރުތަކުގެ "މެއިން ކެބިން" ނުވަތަ އިކޮނޮމީ ކްލާހުގެ ފަސިންޖަރުންނަށް އެއްވެސް ކަހަލަ ކެއުމެއް ނުވަތަ ބުއިމެއް ފޯރުކޮށެއް ނުދޭނެއެވެ. މިއީ އެއާލައިންތަކުގެ ޚިދުމަތްތައް އަލުން ތަރުތީބުކޮށް، ޚަރަދުތައް ކުޑަކުރުމަށް އެކުލަވާލާފައިވާ ޕްލޭނެއްގެ ދަށުން ނިންމި ނިންމުމެއް ކަމަށް މީޑިއާ ރިޕޯޓްކުރެއެވެ.
މި ނިންމުން ނިންމަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ސޮލީބީ ސަހުޔޫނީ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، މަތިންދާބޯޓަށް އަޅާ ތެލުގެ އަގު އުފުލިފައިވުމެވެ. ތެލަކީ އޭވިއޭޝަން ސިނާއަތުގައި ހިނގާ އެންމެ ބޮޑު އެއް ކަރަދަށްވާއިރު، އަގުތައް މައްޗަށް ދިއުމާ ގުޅިގެން ގިނަ އެއާލައިންތަކަކުން ދަނީ އެމީހުންގެ އޮޕަރޭޝަންތަކަށް ބަދަލު ގެންނަމުންނެވެ.
މި ބަދަލާ ގުޅޭގޮތުން ޑެލްޓާ އެއާލައިންސުން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ދަތުރުތަކުގެ ގާތްގަނޑަކަށް 9 އިންސައްތަ ދަތުރަށް މި ބަދަލުގެ ސަބަބުން އަސަރުކުރާނެއެވެ. ނަމަވެސް، ދަތުރުގެ ދިގުމިނަށް ބަލައި 14 އިންސައްތަ ދަތުރުގައި އަދިވެސް ކެއުމާއި ބުއިމުގެ ހިޚިދުމަތް ފުރިހަމައަށް ދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ބަދަލުގެ އަސަރު ފަސްޓް ކްލާސްގައި ދަތުރުކުރާ ފަސިންޖަރުންނަކަށް ނުކުރާނެއެވެ. އެ ފަރާތްތަކަށް ހުރިހާ ދަތުރެއްގައިވެސް ފުރިހަމަ ހިދުމަތް ލިބޭނެއެވެ. އަދި ކެއުންބުއިން ނުލިބުނު ނަމަވެސް، ކެބިން ކުރޫއިން ފަސިންޖަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އެއާލައިންތަކުން ދެއެވެ.
މި ފިޔަވަޅަކީ މަންހޫސް ޓްރަމްޕްގެ ސުންޕާކަމުން ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާގެ ރަމްޒެކެވެ. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެހެން އެއާލައިންތަކުންވެސް މިފަދަ ސިޔާސަތުތައް ތައާރަފްކޮށްފާނެ ކަމުގެ ސުވާލުތައް މިހާރު ވަނީ އުފެދިފައެވެ.





