“އަޅުގަނޑުމެން މިތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ރައްޔިތުންގެ ފަޅީގައި ގަދަކޮށް، ބޮޑުކޮށް ވަރުގަދައަށް. ރައްޔިތުންގެ ފަޅި ބައްޔެއް ނުކުރެވޭނެ،” ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ޤައުމަށް ހެޔޮއެދިވަޑައިގަންނަވާ، ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރައްވަމުން ގެންދަވާ ރައީސެއް ކަމަށާއި، މިއީ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ކަމަރު ބަންނަންވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ނިމިދިޔަ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި އއ. ހިމަންދޫއިން ކޮންގްރެސް ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޕީއެންސީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަބްދުއްރަހީމު ވިދާޅުވީ، ރައީސް މުޢިއްޒަކީ އިރާދަކުރެއްވިއްޔާ ދެވަނަ ދައުރެއް ފުރިހަމަ ކުރައްވާނެ ފުރަތަމަ ރައީސަށް ވެވަޑައިގަންނަވާނެ ކަމަށެވެ.
ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު ޤައުމު ބަނގުރޫޓްވާނެ ކަމަށް އިދިކޮޅުން ބުނަމުންދިޔަ ނަމަވެސް، ވޭތުވެދިޔަ 21 ދުވަސްތެރޭ ސަރުކާރުން ވަނީ އެއް ބިލިއަން ރުފިޔާގެ ދަރަނި ދައްކާފައި ކަމަށެވެ. އަދި މި ސަރުކާރާއެކު ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ބާރަށް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިދިކޮޅު ފަރާތްތަކުން ރައީސަށް ކުރާ ޒާތީ ފާޑުކިޔުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުޢިއްޒުގެ ހިތްވަރު ބަލިކޮށްނުލެވުމުން މިއަދު ފެންނަނީ އަބުރު ކަތިލުމަށް މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. ނަމަވެސް ރައީސަކީ އެފަދަ ކަންކަމަށް ރައްދު ދެއްވާނެ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނު ރައްދު ދެއްވާނީ އަމަލީ ގޮތުން ނަތީޖާ ނެރުއްވައިގެން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ރައްޔިތުންގެ ފަޅީގައި ގަދަކޮށް، ބޮޑުކޮށް ވަރުގަދައަށް. ރައްޔިތުންގެ ފަޅި ބައްޔެއް ނުކުރެވޭނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ކޮންގްރެސް ޕާޓީ ބައިބައި ނުކުރެވޭނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސް މުޢިއްޒު ކާމިޔާބު ކުރައްވާނީ ދިވެހި ރައްޔިތުންގެ އިޙްތިރާމާއި ލޯބި ހޯއްދަވައިގެން ބޮޑު ތަފާތަކުން ކަމަށެވެ. އެހެންކަމުން އެއްވެސް ބޭފުޅަކު މާޔޫސްނުވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.



