ސްކޫލްތަކުގައި ގަނާކުރުން ނުވަތަ ބުލީ ކުރުމުގެ މައްސަލަތައް ހުއްޓުވުމަށްޓަކައި، އެފަދަ އަމަލުތައް ހިންގާ ފިރިހެން ދަރިވަރުން ތައުޒީރު ކުރުމުގެ އުސޫލެއް ސިންގަޕޫރުގެ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލައިފިއެވެ.
މި ހަފުތާގައި އެ ގައުމުގެ ޕާލަމެންޓުގައި ބަހުސްކުރެވުނު މި އައު ގަވާއިދުގެ ދަށުން، ބުލީ ކުރުމުގެ ކުށް ސާބިތުވާ ފިރިހެން ކުދިންގެ ގައިގައި އެއް އެތިފަހަރާ ތިން އެތިފަހަރުން ތައުޒީރުކުރުން ހުއްދަވެގެންވެއެވެ. މި ގަވާއިދުގެ ތެރޭގައި އިންޓަނެޓް މެދުވެރިކޮށް ކުރާ ގަނާ ނުވަތަ ސައިބަރ ބުލީންގް ވެސް ހިމަނާފައި ވެއެވެ.
ސިންގަޕޫރުގެ އެޑިއުކޭޝަން މިނިސްޓަރު ޑެސްމަންޑް ލީ ވިދާޅުވީ، ތައުޒީރު ކުރުމަކީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ބޭނުންކުރާނެ އަދަބެވެ. "މިއީ އެހެން ހުރިހާ ފިޔަވަޅުތަކަކުން ނަތީޖާއެއް ނުފެނިއްޖެ ނަމަ އަދި ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި އެޅޭނެ ފިޔަވަޅެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މި ފިޔަވަޅު އެޅުމުގައި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަރުދަނާ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ތައުޒީރު ކުރެވޭނީ ސްކޫލުގެ ޕްރިންސިޕަލްގެ ހުއްދަ ލިބިގެން، ހުއްދަ ދެވިފައިވާ ޚާއްސަ ޓީޗަރުންނަށް އެކަނި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ދަރިވަރުގެ އުމުރާއި ޖިސްމާނީ ކުޅަދުންތެރިކަމަށް ބަލާނެއެވެ. މި ފިޔަވަޅުގެ މަގްސަދަކީ ދަރިވަރު ކުރި ކުށުގެ ސީރިއަސްކަން އޭނާއަށް ވިސްނައިދީ، އެކަމުން އިބުރަތް ހާސިލްކުރުމަށް އެހީތެރިވުން ކަމަށް ސިންގަޕޫރުގެ ސަރުކާރުން ހާމަކުރެއެވެ.






