މިއަދަށް ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ހެނދުނު ދައްކައިފި: ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

އެމްޑީޕީ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިއަދަށް ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ހެނދުނު ދައްކަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ، ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ދަރަނި ދެއްކުމުގައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތަފްޞީލް ހިއްސާކުރައްވަމުންނެވެ.

ފާއިތުވެދިޔަ 40 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން 970 މިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއަދު ހެނދުނު ވަނީ މިދިޔަ ސަރުކާރުން އިންޑިއާއިން ނަގާފައިވާ ދަރަނީގެ ތެރެއިން 50 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފައެވެ. "11 މޭގައި ޕޭކުރާ ގޮތަށް މިދިޔަ ސަރުކާރުން ނަގާފައި އޮތް 50 މިލިއަން ޑޮލަރުވެސް އަަޅުގަނޑުމެން މިއަދު ހެނދުނު ސެޓްލްކޮށްފިން. އެހެންވީމާ ޖުމްލަ ވޭތުވެދިޔަ 40 ދުވަސް ތެރޭގައި 970 މިލިއަން ޑޮލަރު ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ދަރަނި އަޅުގަނޑުމެން ދައްކައި ހަލާސްކޮށްފިން،" ރައީސް ވިދާޅުވިއެވެ.

މިއަދު ދެއްކި 50 މިލިއަން ޑޮލަރަކީ 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނީގެ ބައެކެވެ. ކުރީ ސަރުކާރުން 2019 ވަނަ އަހަރުގެ މާޗު، ޖޫން އަދި އޮކްޓޯބަރު މަހު ކޮންމެ ފަހަރަކު 50 މިލިއަން ޑޮލަރު ދަރަންޏަށް ނަގާފައިވެއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި 2020 އިން ފެށިގެން 2023 ގެ ނިޔަލަށް އެ ފައިސާ ދެއްކުން އޮތީ ފަސްކޮށްފައެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވެ 2024 ވަނަ އަހަރު 50 މިލިއަން ޑޮލަރު އަދާކުރުމަށްފަހު، ބާކީ އޮތް 100 މިލިއަން ޑޮލަރު ރޯލްއޯވާ ކުރިއެވެ. މިއަދު ދެއްކި 50 މިލިއަން ޑޮލަރަށްފަހު ބާކީ އޮތް 50 މިލިއަން ޑޮލަރު 17 ސެޕްޓެންބަރު 2026 ގައި ދައްކައި ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބައެއް ބޭފުޅުން ހަގީގަތް އޮޅޭ ގޮތަށް ވާހަކަދައްކަވާތީ ރައީސް ވަނީ ހިތާމަކުރައްވާފައެވެ. "އަދި ހައިރާންވާ އަނެއް ސަބަބަކީ އެ ބޭފުޅުންގެ ސަރުކާރުން ދަރަނިތައް ނެގީ. އަޅުގަނޑުމެން މިދަނީ ދައްކަމުން. ދައްކާތީވެސް ކަންބޮޑުވަނީ،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ ވާހަކަތަކަކީ ރާއްޖޭގެ އިގުތިސާދު ހަލާކުކޮށްލުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ނަމަވެސް، ރައްޔިތުންނަށް ބުރަ ނުވާނެހެން އަސާސީ މުދަލާއި ތެޔޮ ލިބޭނެކަން ސަރުކާރުން ކަށަވަރުކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޭރުގައި ތިބި ދަރިވަރުންނަށް އެހީތެރިކަން ދިނުމާއި، މުވައްޒަފުންގެ މުސާރަ ބަރާބަރަށް ދެމުންދާކަން ފާހަގަކުރައްވައި، ރައްޔިތުން ދަރަނި ދަންތުރައިން ސަލާމަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.

ހިއްސާ ކުރައްވާ!