ކޮންމެ ދުވަހަކު ސައި ބުއިމަކީ އިންސާނާގެ ހަށިގަނޑު މުސްކުޅިވުން ލަސްކޮށްދީ، މޫނުމަތީގައި ރޫ ޖެހުން ކުޑަކޮށްދޭ ކަމެއްކަން ޗައިނާގެ ދިރާސާވެރިން ކުރި އާ ދިރާސާއަކުން ހާމަވެއްޖެއެވެ. މީގެ މައިގަނޑު ސަބަބަކީ ސައިގައި އެކުލެވޭ އެންޓިއޮކްސިޑެންޓްތަކެވެ.
ޗައިނާގެ ޗެންގްޑޫގައި ހުންނަ ސިޗުއާން ޔުނިވަރސިޓީގެ ދިރާސާވެރިން ކުރިއަށް ގެންދިޔަ މި ދިރާސާގައި ބުނާގޮތުން، މުސްކުޅިވުން ލަސްކުރުމަށްޓަކައި އެންމެ އެކަށީގެންވާ މިންވަރަކީ ދުވާލަކު ގާތްގަނޑަކަށް ތިން ތަށި ސައި ބުއިމެވެ. މީގެ އިތުރުން، ސައި ބުއިމުގެ ސަބަބުން ހިތުގެ ސިއްހަތާއި، ސިކުނޑީގެ މަސައްކަތްތަކާއި، ގޮހޮރުގެ ދުޅަހެޔޮކަން އިތުރުކޮށްދޭކަމަށްވެސް މި ހޯދުންތަކުން ދައްކައެވެ.
މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ޗައިނާއާއި އިނގިރޭސިވިލާތުގެ ގާތްގަނޑަކަށް 14,000 މީހުން ބައިވެރިކޮށްގެންނެވެ. މީގެ ތެރޭގައި ހިމެނެނީ އުމުރުން 30 އަހަރާއި 79 އަހަރާ ދެމެދުގެ މީހުންނެވެ. ދިރާސާވެރިން ބައިވެރިންގެ އާދަތަކަށް ބެލިއިރު، ލޭގެ ޕްރެޝަރާއި، ކޮލެސްޓްރޯލް އަދި ހަށިގަނޑުގެ ސަރުބީގެ މިންވަރު ފަދަ ބަޔޮލޮޖިކަލް އުމުރާ ގުޅުންހުރި ކަންކަމަށް ވަނީ ފުންކޮށް ބަލާފައެވެ.
އިނގިރޭސިވިލާތުގެ "މިރަރ" ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން، ދުވާލަކު 6 ގްރާމާއި 8 ގްރާމާ ދެމެދުގެ މިންވަރަކަށް ސައިފަތް ބޭނުންކުރުމުން މުސްކުޅިވުން ލަސްކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބެއެވެ. މި ފައިދާތައް ލިބެނީ ސައިގައި އެކުލެވޭ "ޕޮލިފެނޯލްސް" ކިޔާ މާއްދާއެއްގެ ސަބަބުންނެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމާއި، މެޓަބޮލިޒަމް އަދި ވިސްނުން ތޫނުކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
މީގެ އިތުރުން، ސައިގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ތިމާވެށީގެ އެކި ސަބަބުތަކުން ހަމަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދީ، ހަންގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓައިދެއެވެ.
މި ދިރާސާގައި ވަކި ޚާއްސަ ވައްތަރެއްގެ ސައެއް ބޭނުންކުރުމަށް ބާރުއަޅާފައެއް ނުވެއެވެ. ނަމަވެސް، އިނގިރޭސިވިލާތުގައި އާންމުކޮށް ބޮއެއުޅޭ ކަޅު ސައި އަދި ޗައިނާގައި ބޭނުންކުރާ ފެހި ސައި / ގްރީން ޓީ އިން ވެސް މި ފައިދާތައް ލިބޭކަން ދިރާސާއިން ވަނީ ފާހަގަކޮށްފައެވެ.





