ޙައްޖުގެ މަނާސިކުތައް ކުރިއަށްދާ ދުވަސްވަރު، އެކި ބާވަތުގެ ވިޒިޓް ވިސާތަކުގައި ސައުދީ އަރަބިއްޔާއަށް އެތެރެވާ މީހުންގެ ތެރެއިން ހުއްދަ ނެތި މައްކާއާއި މުޤައްދަސް ބިންތަކުގައި މަޑުކުރާ މީހުންނަށް ބޯހިޔާވަހިކަން ދޭ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސައުދީ ދާޚިލީ ވުޒާރާއިން މިއަދު ދީފިއެވެ. މިގޮތުން އެފަދަ ފަރާތްތައް 100,000 (އެއްލައްކަ) ސައުދީ ރިޔާލުން ޖޫރިމަނާ ކުރާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ސައުދީ ދާޚިލީ ވުޒާރާއިން ހާމަކުރި ގޮތުގައި، ވިޒިޓް ވިސާގައި ތިބޭ މީހުންނަށް ބޯހިޔާވަހިކަން ދިނުމާއި، އެމީހުން ފޮރުވައިގެން ގެންގުޅުމާއި ނުވަތަ ހުއްދަ ނެތި މައްކާގައި މަޑުކުރުމަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ކުށެކެވެ. މި މަނާކުރުންތަކުގެ ތެރޭގައި ހޮޓާތަކާއި، އެޕާޓްމަންޓްތަކާއި، އަމިއްލަ ގޭގެއާއި ހައްޖުވެރިން ބައިތިއްބާ ތަންތަން ހިމެނެއެވެ.
މި ޤަވާއިދަށް އަމަލުކުރަން ފަށާނީ ޛުލްޤަޢިދާ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޛުލްޙިއްޖާ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ކުށް ކުރާ މީހުންގެ އަދަދަށް ބަލައި ޖޫރިމަނާގެ އަދަދު އިތުރުވަމުންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ސައުދީ ޕްރެސް އެޖެންސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއަހަރުގެ (1447ހ.) ޙައްޖު މޫސުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަނޑައަޅާފައިވާ އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ބޯލެނބުމަށް ދާޚިލީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަމާބެހޭ އިދާރާތަކަށް އެއްބާރުލުން ދިނުމަށާއި، ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް ޤާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.






