ހދ. ކުރިނބީގައި ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ ކައުންސިލް އިދާރާގެ އައު އިމާރާތް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި އިމާރާތް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ކުރިނބީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ނިމާލާއި، ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވީ، މި މަޝްރޫއުގެ ކޮންޓްރެކްޓުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު ނަމަވެސް، އޭރު މަޝްރޫއުގެ އަމަލީ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގޮސްފައިނުވާ ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މި މަޝްރޫއުގެ ނިމިފައިވަނީ އެންމެ %2 ކަން ނިމާލް ފާހަގަކުރެއްވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، "މި އިމާރާތުގެ މަސައްކަތުގެ %98 ނިންމާފައިވަނީ މި ސަރުކާރުން" ކަމަށެވެ.
ކުރިނބީގައި އަލަށް ހުޅުވި މި ކައުންސިލް އިދާރާއަކީ އެ ރަށުގެ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ބިނާއެކެވެ. މީގެ ކުރިން އެ ރަށުގައި ކައުންސިލްގެ ހިދުމަތް ފޯރުކޮށްދެމުން އައީ 32 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބައު އިމާރާތެއްގަ އެވެ. އެ އިމާރާތަކީ ޖާގައިގެ ގޮތުން ދަތި، އަދި ޒަމާނީ ވަސީލަތްތައް މަދުވުމުގެ ސަބަބުން ހިދުމަތް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދިޔަ ތަނެކެވެ.
މި މަޝްރޫއަކީ އެލްޖީއޭގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައިގެން، ކުރިނބީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މުޅި މި މަޝްރޫއަށް ޖުމުލަ 5.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެ އެވެ. މި އައު އިމާރާތާއެކު، ކައުންސިލްގެ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމުވެ، ރަށު ފެންވަރުގައި ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ކައުންސިލުން އުންމީދު ކުރެ އެވެ.



