ގެއްލުނު ފަތުރުވެރިންތަކެއް ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއްގައި އުޅެނިކޮށް ނިޔާވި ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މިރޭ ބާއްވައިފިއެވެ. މަހުދީގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ އިސްލާމީ މަރުކަޒުގައެވެ. އޭނާ ފަސްދާނުލާފައިވަނީ ރަސްމީ އިއްޒަތުގައި އާސަހަރާގައެވެ.
މަހުދީގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ސިފައިންގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މަހުދީ ވަކިވެދިއުމާ ގުޅިގެން، ޖަނާޒާގެ ކުރިން އޭނާ ވަނީ ސާޖަންޓް ފަސްޓް ކްލާސްގެ މަގާމަށް ޕްރޮމޯޓްކޮށްފައެވެ.
މަހުދީ ނިޔާވީ އިޓަލީގެ ފަސް ފަތުރުވެރިން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި ޑައިވް ކުރަނިކޮށް ހާލު ދެރަވެގެންނެވެ. އިއްޔެ މެންދުރުފަހު އޭނާގެ ހާލު ދެރަވުމުން އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން ކޯސްޓްގާޑުން ކުރިއަށްގެންދިޔަ ސާޗް އޮޕަރޭޝަން މިހާރު ވަނީ މެދުކަނޑާލާފައެވެ.
މި އޮޕަރޭޝަނަކީ ފުނުގައި އޮތް ހޮހަޅައަކަށް ފީނަނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިންނާއި، އެ މީހުން ގޮވައިގެން ދިޔަ ސަފާރީގެ ޑައިވް އިންސްޓްރަކްޓަރު ހޯދުމަށް ކުރިއަށްގެންދިޔަ މަސައްކަތެކެވެ. ގެއްލުނު ފަސް މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެކެއްގެ ހަށިގަނޑެވެ. ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް ސިފައިން ދިޔައީ ކުރަމުންނެވެ.
ފޮޓޯ/ އެމްއެންޑިއެފް


