ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށް، މަޖިލީހުގެ ޖަލްސާވެސް މިއަދު ނުބާއްވާ ގޮތަށް ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮންމެ ހަފުތާއަކު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ބައްދަލުވުން ކެންސަލްކުރިކަން އަންގާފައިވަނީ ބައްދަލުވުން ފެށެން ގަޑިއިރަކަށް ވުރެ ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް، ނޫސްވެރިން ރައީސް އޮފީހަށް ގޮސް ތިއްބައެވެ.

މިއަދު ހެނދުނު 10:00 އަށް ތާވަލުކުރި މި ބައްދަލުވުން ކެންސަލްކުރީ ރައީސްގެ މަސައްކަތްޕުޅުތައް ހުރިގޮތުން ކަމަށް ރައީސް އޮފީހުން ބުނެފައިވީ ނަމަވެސް، އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ. މާޗް މަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހަކީ ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ހާއްސަކޮށްފައިވާ ވަގުތެކެވެ.

ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގެ އިތުރުން، މިއަދު ބޭއްވުމަށް ކުރިން އިއުލާނުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާވެސް ބާއްވާފައެއް ނުވެއެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުުއްރަހީމް އަބްދުﷲ ވަނީ މިއަދު ޖަލްސާއެއް އޮންނާނެކަން އިއުލާނުކުރައްވާފައެވެ. ނަމަވެސް ޖަލްސާ ނުބޭއްވި ސަބަބެއް މަޖިލީހުގެ އިދާރާއަކުން ހާމައެއް ނުކުރެއެވެ.

މަޖިލީހުގެ މި ދައުރު މެއި 15 އަށް ނިންމަން ކުރިން ތާވަލުކޮށްފައި އޮތް ނަމަވެސް، މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ބުނެ މަޖިލީހުގެ ރައީސް ވަނީ މި މަހުގެ 31 އަށް ދައުރު އިތުރުކުރަން ހުށަހަޅުއްވާފައެވެ. މި ހުށަހެޅުން ފާސްވީ 58 މެންބަރުންގެ ވޯޓުންނެވެ.

އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މަޖިލީހުގެ ދައުރު އިތުރުކުރީ ގާނޫނީ މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަވަސްކުރުމަށެވެ. ނާޒިމް ވަކިކުރުމުގެ މައްސަލަ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

ގާނޫނުއަސާސީގައިވާ ގޮތުން މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ ގަރާރެއް ހުށަހެޅުމުން 14 ދުވަހުގެ ނޯޓިސް ދޭންޖެހެއެވެ. އެހެންކަމުން، އެ މުއްދަތު ހަމަވާނީ އީދު ބަންދަށް ފަހު ކަމަށްވާތީ، އެ މައްސަލައިގެ ވޯޓު އޭގެ ފަހުން ތާވަލުކުރާނެ ކަމަށް ބެލެވެއެވެ. ނާޒިމްގެ މައްޗަށް ތުހުމަތުކުރެވެނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ސިޔާސީ އެޖެންޑާއެއް ކުރިއެރުވުމަށް މަސައްކަތްކުރާ ކަމަށެވެ.

ހިއްސާ ކުރައްވާ!