ވޭތުވެދިޔަ ހަފްތާގައި އެކުގައި މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވި ތިން ކުރީގެ ރައީސުން، އެ ބޭފުޅުންގެ ގުޅިފައިވާ އެޖެންޑާ ސިޔާސީ ޕާޓީތަކަށް ހުށަހަޅައި، ގުޅިގެން މަސައްކަތް ކުރާނެ އިސްތިރާތީޖީއެއް އެކުލަވައިލުމަށް މަންދޫބުން އައްޔަންކޮށް ރަސްމީ މަޝްވަރާތައް ފަށައިފިއެވެ.
ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އައްޔަންކުރައްވާފައިވަނީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމާއި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ތަމްސީލުކުރައްވަނީ މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި ޒާރިޔަންދު އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު މަލީހް ޖަމާލެވެ.
މި މަންދޫބުންގެ ފުރަތަމަ ބައްދަލުވުން މިއަދު މެންހަޓަން ބިޒްނަސް ހޮޓެލްގައި ބާއްވާފައިވާއިރު، ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ފައްޔާޒް އިސްމާއިލް ވިދާޅުވީ، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ތިން ރައީސުން އެއްބަސްވެވަޑައިގެންފައިވާ ކަންކަން އެ ބޭފުޅުން ނިސްބަތްވާ ޕާޓީތަކަށް ހުށަހަޅައި، ކުރިއަށް އޮތް ފިޔަވަޅުތައް ވިލަރެސްކުރާނެ ގޮތަކާ މެދުގައެވެ.
މި އިއްތިހާދު ރަސްމީކޮށްފައިވަނީ ވޭތުވެދިޔަ ބުރާސްފަތި ދުވަހު ތިން ރައީސުން ގުޅިފައިވާ ބަޔާނެއްގައި ސޮއިކުރެއްވުމާ އެކުގައެވެ. އެ ބަޔާނުގައި ކޯޓު އަމުރަކާ ހިލާފުވި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން މިނިވަންކުރުމަށާއި، އެ މީހުންގެ ޝަރީއަތް ހުއްޓާލުމަށާއި، އަދި އެ ނޫސްވެރިންގެ ދިފާއުގައި މުޒާހަރާކުރަނިކޮށް ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، މި އެއްބަސްވުމުގައި މިހާރުގެ ސަރުކާރުން ގާނޫނީ އަސާސީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށާއި، ކޯޓުތަކަށް ނުފޫޒު ފޯރުވައި، ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް، ދިރިއުޅުމުގެ ހާލަތު ގޯސްވެ، އިގްތިސާދު ބަލިކަށިވަމުންދާ ކަމަށްވެސް ބަޔާނުގައިވެއެވެ. ދިވެހި ރައްޔިތުން ގިނަ އަހަރުތަކެއް ވަންދެން ކުރި މަސައްކަތުން ހޯދި ޑިމޮކްރަސީގެ އުސޫލުތައް ފޮހެލާފައިވާ ކަމަށާއި، ގައުމު އަލުން ހަމަ މަގަށް އެޅުވުމަށް ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ރައީސް ޔާމީން ވިދާޅުވީ، ތިން ފަރާތުގެ ފަންނީ ބޭފުޅުން ގުޅިގެން ކުރިއަށްދާނެ އިސްތިރާތީޖީތަކާއި ތާވަލުތައް އެކުލަވައިލާނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ނިމެންދެން މަޑުނުކުރައްވާނެ ކަމަށާއި، މުޒާހަރާތަކާއި އެކި ހަރަކާތްތަކުގެ ޒަރީއާއިން ސަރުކާރަށް ގޮންޖަހަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



