މި އަހަރު ނިމުމުގެ ކުރިން މަޖިލިސް މެދުވެރިކޮށް މުއިއްޒުގެ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު ނަޝީދު ދެއްވައިފި

މިހާރު އޮތް ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މި އަހަރު ނިމުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ސޯބެގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ޕާޓީ ބަދަލުކޮށް، ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރުގައި ސޮއިކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދާނެ ކަމަށްވެސް އެމަނިކުފާނު ލަފާކުރެއްވިއެވެ.

"މި އަހަރު ނިމުމުގެ ކުރިން މި ސަރުކާރު ބަދަލުކުރަން ޖެހޭ. ކަންބޮޑުނުވޭ. އިރާދަކުރެއްވިއްޔާ މަޖިލީހުގެ އަޣުލަބިއްޔަތު، ސުޕަ މެޖޯރިޓީ، އިތުބާރު ނެތްކަމުގެ ވޯޓުގެ ތިންބައިކުޅަ ދެބައި އަޅުގަނޑުމެން ހޯދާނަން. ރައީސް ޔާމީން ވެސް ހުންނެވީ މިކަން ކުރަން ވަރަށް ތައްޔާރަށް. އަދި އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ ޕީއެންސީގެ ގިނަ މެންބަރުންތަކެއް ފްލޯ ކްރޮސް ކުރާނެކަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، މި މަސައްކަތުގައި ޕީއެންއެފްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދު، ޔާމީން އަދި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތް ކުރުމަށް މިމަހު ކުރީކޮޅު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަކީ ރައީސް މުއިއްޒު ސަރުކާރަށް ރައްޔިތުންގެ އިތުބާރު އޮތްތޯ ބެލުމަށް ނެގޭ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވިއެވެ. މި ގޮނޑި ހުސްވީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 3.8 މިލިއަން ރުފިޔާ ނުދައްކައިގެން ސުޕްރީމް ކޯޓުން އޭނާގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ހުކުމް ކުރުމާ ގުޅިގެންނެވެ.

މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 76 ގޮނޑި މިވަގުތު ޕީއެންސީން ކޮންޓްރޯލް ކުރަމުންދާއިރު، ނަޝީދު ވިދާޅުވާ ފަދަ ބޮޑު ބަދަލެއް އައުމަކީ ސިޔާސީ ގޮތުން ނާދިރު ކަމެއްގެ ގޮތުގައި ބެލެވެއެވެ. ޚާއްސަކޮށް ފްލޯ ކްރޮސިންއާ ދެކޮޅަށް ހުރި ގާނޫނީ ހުރަސްތަކުގެ ސަބަބުން މިފަދަ ބަދަލެއް ގެނައުމަކީ ގޮންޖެހުން ބޮޑު ކަމެކެވެ.

ހިއްސާ ކުރައްވާ!