އެމްޑީޕީން އިންތިޒާމް ކުރި މުޒާހަރާއެއް: ފޮޓޯ މީސްމީޑިއާ
އެމްޑީޕީން އިންތިޒާމް ކުރި މުޒާހަރާއެއް: ފޮޓޯ މީސްމީޑިއާ

ޖޭއެސްސީގެ ނައިބު ރައީސްކަމުން ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މެންބަރު އަދި އެ ކޮމިޝަނުގެ ނައިބު ރައީސް ޔަޒްމީދު މުހައްމަދު، އޭނާގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަމުންދަނިކޮށް ނައިބް ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޔަޒްމީދު އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ އަޑު ކަމަށް ބުނާ އޯޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.

ޖޭއެސްސީން ވަނީ ޔަޒްމީދު އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ. ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމަށް އިންތިޚާބު ކުރެވުނީ މިދިޔަ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އައީ ކުރިން އެ މަގާމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޔަޒްމީދު ޖޭއެސްސީގެ މެންބަރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވީ 23 ފެބްރުއަރީ 2025 ގައެވެ.

ޔަޒްމީދުގެ ސުލޫކީ މައްސަލަ ބަލަން ފެށީ މައިގަނޑު ދެ ތުހުމަތަކާ ގުޅިގެންނެވެ. ފުރަތަމަ ތުހުމަތަކީ ޖިނާއީ މައްސަލައެއްގެ ނަތީޖާއަށް ނުފޫޒު ފޯރުވަން އޭނާ މަސައްކަތް ކުރެއްވި ކަމަށް ބުނާ މައްސަލައެވެ. ދެވަނަ ތުހުމަތަކީ ލީކުވި އޯޑިއޯތަކުގައި، ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ވޯޓު ނުދިނުމަށް ގޮވާލުމާއި، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ނުގޮސް ސަލާމަތް ކުރެވިދާނެ ކަމަށް ބުނެފައިވާ މައްސަލައެވެ.

ޔަޒްމީދަކީ މީގެ ކުރިން ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަންވެސް އޭނާ ކުރެއްވިއެވެ. ވިލިނގިލީ ދާއިރާގައި ޕީއެންސީގެ ތާއީދު ވަރުގަދަ ކުރުމުގައި އިސްކޮށް އުޅުއްވާ ޔަޒްމީދު ޖޭއެސްސީއަށް އައްޔަންކުރުމުން، އޭނާގެ ސިޔާސީ ފަސްމަގުގެ ސަބަބުން އޭރުވެސް ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމުގެ ގާނޫނީ ޒިންމާ އޮތް މުއައްސަސާގެ އިސްވެރިއަކު، ޖިނާއީ މައްސަލަތަކަށް ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ތުހުމަތު ކުރެވުމަކީ ޖޭއެސްސީގެ މިނިވަންކަމާ މެދު ސުވާލު އުފެދުނު ކަމެކެވެ. ޚާއްސަކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަމުންދިޔަ ދަނޑިވަޅެއްގައި އޭނާ މަގާމަށް އައްޔަން ކުރުމުންވެސް ސުއާލު އުފެދުނެވެ.

މި ތުހުމަތުތަކާ ގުޅިގެން ނުވަތަ މަގާމުން އިސްތިއުފާ ދެއްވި ސަބަބާ ބެހޭގޮތުން ޔަޒްމީދު މުހައްމަދު މިހާތަނަށް އާންމުކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!