މާލޭގެ ކޯޓު ކޮމްޕްލެކްސްގެ ބިންގާ ހުޅުމާލޭގައި އަޅައިފި

މާލެ ސަރަޙައްދުގެ ޝަރުޢީ އިދާރާތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ މަޤުޞަދުގައި، ހުޅުމާލޭގައި ބިނާކުރާ މާލޭގެ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަންގާރަ ދުވަހު އަޅައިފިއެވެ. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ބިންގާ އަޅުއްވައިދެއްވި މި ޚާއްސަ ރަސްމިއްޔާތުގައި، ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ބައިވެރިވެވަޑައިގެންނެވިއެވެ.

ދައުލަތުގެ ބަޖެޓުން 699.86 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެވެ.

ފާއިތުވި ޖުލައި މަހުގެ ތެރޭގައި އެ ކުންފުންޏާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ، 720 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އިމާރާތްކޮށް ނިންމާ ގޮތަށެވެ. ޖުމްލަ 29,490 އަކަފޫޓުގެ ބިމެއްގައި 14 ފަންގިފިލާއަށް ބިނާކުރާ މި ޒަމާނީ ކޯޓު ކޮމްޕްލެކްސްއަކީ ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ޢުމްރާނީ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ނިމުމާއެކު، މާލޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ހިންގަމުންދާ މުހިންމު ޝަރުޢީ އިދާރާތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުވެގެންދާނެއެވެ. އެގޮތުން، މި އިމާރާތުގައި ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓާއި، ޑްރަގް ކޯޓާއި، ޖުވެނައިލް ކޯޓު އަދި ފެމިލީ ކޯޓުގެ އިތުރުން، ދިވެހިރާއްޖޭގެ ހައި ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) ގެ އޮފީސްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފާއިތުވި އަހަރުތަކުގައި މާލޭގެ ކޯޓުތައް ހިންގަމުން އައި އިމާރާތްތަކުގެ ޖާގަ ކުޑަވުމުގެ ސަބަބުން، ޝަރީޢަތްތައް ތާވަލުކުރުމުގައްޔާއި މައްސަލަތައް ނިންމުމުގައި ޝަރުޢީ ދާއިރާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޚާއްސަކޮށް ޖާގައިގެ ދަތިކަމާ ހެދި ޝަރުޢީ މަރުޙަލާތައް ދިގުލައިގެން ދިއުމަކީ އިންޞާފު ހޯދުމަށް މަސައްކަތްކުރާ އާންމު ރައްޔިތުންނަށްވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދިޔަ ކަމެކެވެ.

މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން، މީގެ ކުރިންވެސް ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ މަސައްކަތްތައް ހިންގުމަށް ހުޅުމާލޭގައި އިމާރާތެއް ވަނީ ތަރައްޤީކޮށްފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގާނެ އައު އިމާރާތެއް އެޅުމަށްޓަކައި މާލެއިން ޚާއްސަ ބިމެއްވެސް ސަރުކާރުން މިހާރު ވަނީ ކަނޑައަޅާފައެވެ.

ހިއްސާ ކުރައްވާ!