ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ޒަމާނީ ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ އޮޕެރޭޝަންތައް އައި.ޖީ.އެމް.އެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ފަށައިފިއެވެ. މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ ހޮސްޕިޓަލުގެ ޑިޕާރޓްމެންޓް އޮފް ސާޖަރީގެ ޖެނެރަލް ސާޖަރީ ޓީމުންނެވެ.
ދެ ހޮސްޕިޓަލުގައި ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަތަރު ބާވަތެއްގެ އޮޕެރޭޝަނެއް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފައިގެ ލޭނާރުތައް ދުޅަވެ ގޮށްޖެހުމުން ކުރާ އެންޑޯވީނަސް ލޭޒަރ ޓްރީޓްމެންޓް (އީވީއެލްޓީ) އާއި، ފުރަގަސްފަރާތުގެ ބަލި ނުވަތަ ބަވާސީރަށް ކުރާ ލޭޒަރ ހެމޮރޮއިޑޯޕްލާސްޓީ އެވެ. މީގެ އިތުރުން ފުރަގަސްފަރާތުގައި އުފެދޭ ދޮސް އަންނަ މަގު (އެނަލް ފިސްޓުލާ) އަށް ކުރާ ފިލަކް އޮޕެރޭޝަނާއި ޕައިލޯނީޑަލް ސައިނަސް އަށް ކުރާ ސިލަކް އޮޕެރޭޝަން މިހާރު ލޭޒަރ ބޭނުންކޮށްގެން ކުރެވޭނެއެވެ.
މި އައު ޚިދުމަތުގެ ސަބަބުން ބަލިމީހުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ބޮޑުތަނެއް ކަފާލުމަކާ ނުލައި އޮޕެރޭޝަން ކުރެވުމާއި، ތަދުވުން ކުޑަވެ ބަލި ފަސޭހަވާ މުއްދަތު އަވަސްވުން ހިމެނެއެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބާއްވަންޖެހޭ މުއްދަތު ކުރުވެ، އިންފެކްޝަންވުމުގެ ފުރުޞަތު ނިސްބަތުން ކުޑަވެގެންދާނެ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ.
އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓަންޓް އިން ސާޖަރީ، ޑރ. ޢަބްދުﷲ އުބައިދު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް ހަމައެކަނި މި ހަތަރު އޮޕެރޭޝަނަށް ހުއްޓައެއް ނުލާނެއެވެ. ކުރިއަށް އޮތް ތަނުގައި ޕްލާސްޓިކް ސާޖަރީގެ ދާއިރާއަށްވެސް ލޭޒަރ ސާޖަރީ ފުޅާކުރުމަށް ވަނީ ރޭވިފައެވެ. މި ޚިދުމަތް ފެށުމުގެ ކުރިން ސާޖަރީ ޓީމުގެ މެންބަރުން ވަނީ އިންޑިއާގެ ހޮސްޕިޓަލްތަކުން ތަމްރީނު ހޯދާފައެވެ.
މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ދިވެހި ސިއްހީ ދާއިރާ އާ އުސްމިންތަކަކަށް ގެންގޮސް، ރައްޔިތުންނަށް އޯގާތެރި ޚިދުމަތެއް ފޯރުކޮށްދިނުމެވެ. މި ފުރުސަތުގައި ރައްޔިތުންނަށް ކުރިއަރާފައިވާ ސިއްހީ ފަރުވާގެ ނިޒާމެއް ގާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމަށްޓަކައި ހޮސްޕިޓަލުގެ މެނޭޖްމަންޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.



