ނާޒިމް ވަކިކުރުމުގެ މައްސަލަ: ވަގުތު ކަނޑައެޅުމަށް އާންމު ކޮމިޓީގެ ބައްދަލުވުން މިއަދު ހަވީރު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށްގެންދާނެ ގޮތާއި ވަގުތު ކަނޑައެޅުމަށްޓަކައި، މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހަވީރު 4:00 އަށް ތާވަލުކޮށްފިއެވެ. މިއީ ނާޒިމް މަގާމުން ވަކިކުރުމުގެ ވޯޓަށް ދިއުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ އިޖުރާއީ މަރުހަލާއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ނިންމާނީ މައްސަލައިގެ ބަހުސްގައި ވާހަކަދައްކާނެ މެންބަރުންގެ އަދަދާއި، ކޮންމެ މެންބަރަކަށް ލިބޭނެ ވަގުތުގެ އިތުރުން، އަމިއްލަ ދިފާއުގައި ވާހަކަދެއްކުމަށް ނާޒިމަށް ލިބިވަޑައިގަންނަވާނެ ވަގުތެވެ. މި ގޮތްތައް ކަނޑައެޅުމުން، މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅި، ވޯޓަށް އެހުމުގެ މަގު ފަހިވެގެންދާނެއެވެ.

ޕީއެންސީގެ 73 މެންބަރަކު ސޮއިކުރައްވައި ހުށަހަޅާފައިވާ މި ގަރާރު ފާސްވުމަކީ މިހާރު ކަށަވަރުވެފައިވާ ކަމެކެވެ. މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 76 ގޮނޑި ޕީއެންސީން ކޮންޓްރޯލް ކުރާއިރު، ނައިބު ރައީސް ވަކިކުރުމަށް ބޭނުންވަނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އާދައިގެ އަޣުލަބިއްޔަތެކެވެ. އެހެންކަމުން، އިދިކޮޅު އެއްވެސް މެންބަރެއްގެ ވޯޓާ ނުލައިވެސް ނާޒިމް މަގާމުން ވަކިކުރުމުގެ ބާރު ޕީއެންސީއަށް އެބައޮތެވެ.

ނާޒިމާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި މައިގަނޑު ދެ ތުހުމަތެއް ހިމެނެއެވެ. އެއީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަޖިލީހުގެ މަސްލަހަތާ ދެކޮޅަށް މަސައްކަތްކޮށް މެންބަރުންގެ ކުރިމަތީގައި އޮތް ޒިންމާތަކަށް އިހުމާލުވުމެވެ. މީގެ އިތުރުން މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތްކުރުމުގައި ނާޒިމް ފެއިލްވެފައިވާ ކަމަށާއި، ނައިބު ރައީސްގެ އޮފީހުގެ މަސައްކަތްތަކަށް ހުރަސްއަޅާފައިވާ ކަމަށްވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

މައްސަލަ ހުށަހެޅުމާއެކު ޖަވާބުދާރީވުމަށް ނާޒިމަށް 14 ދުވަހުގެ ނޯޓިސްއެއް ލިބިވަޑައިގަންނަވާއިރު، މިއަދުގެ ކޮމިޓީން ނިންމާނީ އެ ޖަވާބުދާރީވުން ކުރިއަށްދާނެ ތަފްސީލީ އުސޫލުތަކެވެ. ނަމަވެސް 73 މެންބަރުންގެ ސޮޔާއެކު މައްސަލަ ހުށަހަޅާފައި އޮތުމުން، މި ބަހުސަކީ އޭނާ މަގާމުން ވަކިވާނެތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސަކަށްވުރެ ބޮޑަށް، ވޯޓުގެ ކުރިން އޭނާއަށް ލިބޭނެ ފުރުސަތުތަކާ ގުޅޭ ބަހުސެކެވެ.

މިއީ އަހުމަދު ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރެވޭ ދެވަނަ ފަހަރެވެ. މީގެ ކުރިން 17 ވަނަ މަޖިލީހުގައިވެސް އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ. މި ހިނގާ 20 ވަނަ މަޖިލީހުގެ ނައިބު ރައީސްކަމަށް އޭނާ އިންތިޚާބުވީ 80 މެންބަރުންގެ ވޯޓުންނެވެ.

ހިއްސާ ކުރައްވާ!