ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ އިޖުރާއީ ގޮތުން ސީދާ ސާފު ކަމެކެވެ. މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް އޮތްއިރު، މިއަދު ކޮމިޓީ ބައްދަލުވުމަށްފަހު ނަގާ ވޯޓުން ނާޒިމްގެ މަގާމު ގެއްލޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ނަމަވެސް، މި ނިންމުމަށްފަހު ދެން އަންނާނެ ކަންތައްތަކަކީ މާ ޝައުގުވެރި އަދި މާ ބޮޑެތި ސުވާލުތަކެއް އުފެދޭ ކަންކަމެވެ.
ނައިބު ރައީސްކަމުން ވަކިކުރުމަކީ އޭނާ ޕީއެންސީން ނުވަތަ މަޖިލީހުން ވަކިވުމެއް ނޫނެވެ. އެއީ މުޅިން ތަފާތު ދެ ނިންމުމެކެވެ. ނަމަވެސް ނާޒިމާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރުގައިވާ ތުހުމަތުތަކަކީ ސީރިއަސް ކަންތައްތަކެކެވެ. އޭގެ ތެރޭގައި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަޖިލީހުގެ މަސްލަހަތާ ދެކޮޅަށް މަސައްކަތް ކުރުން ހިމެނެއެވެ. މިކަންކަމަކީ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ބެލިދާނެ ކަންކަމެވެ. އެގޮތުން ޕާޓީން އޭނާ ވަކިކޮށްފިނަމަ، އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން އޭނާގެ ގޮނޑި ގެއްލުމުގެ ފުރުސަތު އޮންނާނެއެވެ.
ނާޒިމަކީ ހަމައެކަނި ޕީއެންސީގެ މެންބަރެއް ނޫނެވެ. އޭނާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޮޑުބޭބެގެ ދަރިއެކެވެ. މިއީ ވަރަށް ގާތް އާއިލީ ގުޅުމެކެވެ. އެހެންނަމަވެސް، ނާޒިމް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއަޕް ގްރޫޕުން ބޭރުކޮށްލީ ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުންނެވެ. މިއީ ރައީސް މުއިއްޒު އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއި އާއިލީ ބޭފުޅުންނާ މެދުގައިވެސް ފިޔަވަޅު އަޅުއްވަން ފަސްޖެހިވަޑައިނުގަންނަވާނެކަމުގެ ހެއްކެކެވެ.
މި ދަނޑިވަޅަކީ ސަރުކާރަށް ސިޔާސީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ވަގުތެކެވެ. ކުރީގެ ތިން ރައީސުން އިއްތިހާދުވެފައިވާއިރު، އިގްތިސާދީ ގޮތުންނާއި މަގުމަތީގެ އިހުތިޖާޖުތަކުގެ ސަބަބުން ޕްރެޝަރު ބޮޑުވެފައިވެއެވެ. މިފަދަ ވަގުތެއްގައި އަމިއްލަ ޕާޓީގެ ތެރޭގައި އުފެދޭ މިފަދަ މައްސަލަތަކަކީ ސަރުކާރަށް އިތުރު ބުރައަކަށް ވެދާނެ ކަމެކެވެ.
ނާޒިމަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ތަޖުރިބާކާރު ހިމުން ސިއްރުތައް ފަސޭހައިން ތިލަކޮށްލައްވާ ބޭފުޅެކެވެ. އެހެންކަމުން، އޭނާއާ ދެކޮޅަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާއަކީ ކޮބައިތޯ އާ މެދު ސުއާލު ކުރެވެެއެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުން މައްސަލައިގެ މިސްރާބު އެނގިގެންދާނެ އެވެ. ނަމަވެސް، އަސްލު ނިންމުން އޮތީ ވޯޓަށްފަހު ޕާޓީގެ ލީޑަރު ނިންމަވާ ގޮތެއްގެ މައްޗަށެވެ.





