ދިވެހިރާއްޖެއަށްވުރެ މާ ގިނަ ވަސީލަތްތަކާއި، ސިއްޙީ ދާއިރާއަށް ކަނޑައަޅާފައިވާ ބޮޑެތި ބަޖެޓުތަކާއި، އާބާދީގެ ނިސްބަތުން މާ ގިނަ ޑޮކްޓަރުން ތިބި ޤައުމުތަކަށްވެސް ރާއްޖެއިން ސިއްޙީ ދާއިރާއިން ހޯދަމުން މިދާފަދަ ކާމިޔާބީ ހޯދިފައެއް ނުވެއެވެ. އިންޑިއާ ކަނޑުގެ 1,200 ޖަޒީރާތަކަށް ބެހިފައިވާ ގާތްގަނޑަކަށް 550,000 މީހުންގެ މި ކުޑަ އާބާދީ ވެފައިވަނީ، މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ކިހުނުބަލި އަދި ހެޕަޓައިޓިސް ބީ ވާރުތަވުން އެއްފަހަރާ ނައްތާލި ދުނިޔޭގެ ފުރަތަމަ ޤައުމަށެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ އިން ރާއްޖެއަކީ މި ތިން ބަލި އެއްފަހަރާ ނައްތާލި ޤައުމެއްގެ ގޮތުގައި ކަނޑައެޅީ 13 އޮކްޓޫބަރު 2025 ގައެވެ. މިކަމުގެ ރަސްމީ ލިޔުން ދީފައިވަނީ 19 މެއި 2026 ގައި ޖެނީވާގައި ބޭއްވި 79 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައެވެ. އެ ބައްދަލުވުމުގައި ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ވަނީ، ބައެއް ޤައުމުތަކުން އެއް ބަލި ނުވަތަ ދެ ބަލި ނައްތާލާފައިވީ ނަމަވެސް، ރާއްޖެއަކީ މި 3 ބަލި އެއްފަހަރާ ނައްތާލި ފުރަތަމަ ޤައުމުކަން ފާހަގަކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ. އަދި މި ކާމިޔާބީގެ ރަމްޒެއްގެ ގޮތުން ހެލްތު މިނިސްޓަރ ގީލާ ޢަލީއަށް ހަނދާނީ ފިލައެއް އެރުވުނެވެ. މިއީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް އަދި ހާސިލުކުރެވިފައިވާ ކަމެއް ނޫނެވެ.
މި އިޢުތިރާފަކީ ކުއްލިއަކަށް ލިބުނު އެއްޗެއް ނޫނެވެ. މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާރުތަވުން ނައްތާލާފައިވާ ޤައުމެއްގެ ގޮތުގައި 2019 ވަނަ އަހަރުވެސް ޑަބްލިއު.އެޗް.އޯ އިން ވަނީ ރާއްޖެ ކަނޑައަޅާފައެވެ. ހެޕަޓައިޓިސް ބީ ނައްތާލުމާއެކު މި ލަނޑުދަނޑި މިވަނީ ފުރިހަމަވެފައެވެ. 2022 އަދި 2023 ވަނަ އަހަރު ރާއްޖޭގައި އެޗް.އައި.ވީ ނުވަތަ ސިފިލިސްއާއެކު އެއްވެސް ކުއްޖަކު އުފަންވެފައެއް ނުވެއެވެ. އަދި 2023 ވަނަ އަހަރު ހެދި ޤައުމީ ސާވޭއަކުން ދައްކާގޮތުގައި، ގްރޭޑް އެކެއްގެ ދަރިވަރުންގެ މެދުގައި ހެޕަޓައިޓިސް ބީ ހުރި މިންވަރު ވަނީ ސުމަކަށް ތިރިވެ، ބަލި ނައްތާލުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށްވުރެ މަތީ ކާމިޔާބީއެއް ހޯދާފައެވެ.
މިކަން ހާސިލުކުރި ގޮތާ މެދު އެހެން ގައުމުތަކުން ވިސްނާނެއެވެ! ރާއްޖެއަކީ މުއްސަނދި ޤައުމެއް ނޫނެވެ. އެއްގަމު މަގުން ގުޅިފައިވާ ބޯޑަރުތަކެއް ނެތް އިރު، ސްޕެޝަލިސްޓުންގެ އަދަދު މަދުވެފައި، ޖަޒީރާވަންތަ ޖިއޮގްރަފީގެ ސަބަބުން މެދުކެނޑުމެއްނެތި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ ލޮޖިސްޓިކަލް ގޮތުން ބޮޑު ގޮންޖެހުމެކެވެ. މާލެއިން ލިބޭ ފެންވަރުގެ ސްކްރީނިންގް އަދި ވެކްސިންގެ ޚިދުމަތް، ދުރު އަތޮޅެއްގެ ރަށެއްގައި ހުރި މާބަނޑު އަންހެނަކަށް ފޯރުކޮށްދިނުމަކީ އިދާރީ ގޮތުން ފަސޭހަ ކަމެއް ނޫނެވެ. ބޮޑެތި ގައުމުތަކަށްވެސް ނުކުރެވޭ ޒާތުގެ ކަމެކެވެ.
ނަމަވެސް، މާބަނޑު އަންހެނުންގެ 95 އިންސައްތައަށްވުރެ ގިނަ މީހުންނަށް ބަނޑުބޮޑުއިރު ދޭންޖެހޭ ސިއްޙީ ފަރުވާ ދިވެހި ސަރުކާރުން ފޯރުކޮށްދެއެވެ. އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ އަށް ޓެސްޓުކުރުން ސަރުކާރުން ވަނީ މުޅި ރާއްޖެއަށް އާންމުކޮށްފައެވެ. އަދި އަލަށް އުފަންވާ ކުދިންގެ 95 އިންސައްތައަށްވުރެ ގިނަ ކުދިންނަށް ގަވާއިދުން ހެޕަޓައިޓިސް ބީ ވެކްސިންގެ ފުރަތަމަ ޑޯޒާއި ފުރިހަމަ ވެކްސިން ރާއްޖޭގައި ދެއެވެ. މި ޖަޒީރާ ރަށްތަކުގައި މި މިންވަރަށް ޚިދުމަތް ދެމެހެއްޓުމަކީ މި ކާމިޔާބީގެ އަސްލެވެ.
ޑަބްލިއު.އެޗް.އޯ އިން ފާހަގަކުރި ގޮތުގައި މި ކާމިޔާބީގެ ސިއްރަކީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމާއި، ހަރުދަނާ މަޢުލޫމާތު ބަލަހައްޓާ ނިޒާމުތަކާއި، އިސްނެގުމާއި ބައިވެރިވުމާއި، އަދި ޚަރަދާއި ޖިއޮގްރަފީ އަދި އިޖުތިމާޢީ ތަފާތުކުރުންތަކުގެ ސަބަބުން ކުރިމަތިވާ ހުރަސްތައް ނައްތާލުމުގައި މުޖުތަމައު ބައިވެރިކޮށްފައި އޮތުމެވެ. ޑިޖިޓަލް ހެލްތު ޕްލެޓްފޯމްތަކާއި އިލެކްޓްރޯނިކް ރެޖިސްޓްރީތަކުގެ ސަބަބުން، މީގެ ކުރީގެ އަހަރުތަކުގައި ޤައުމީ ސިއްޙީ ތަފާސްހިސާބުތަކަށް ނުފެންނަ ރަށްރަށުގެ މަޢުލޫމާތު މިހާރު ވަގުތުން ވަގުތަށް ބެލެހެއްޓެއެވެ.
އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ، އެޗް.އައި.ވީ ޖެހިފައިވާ މައިމީހާގެ ފަރާތުން ބަނޑުބޮޑުއިރު ނުވަތަ ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުންދޭއިރު ދަރިފުޅަށް ބަލި އެރުމުގެ ފުރުޞަތު 15 އިން 45 އިންސައްތައާ ދެމެދު އޮވެއެވެ.
ހެޕަޓައިޓިސް ބީ އަށް ބަލާއިރު، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައިފިނަމަ ބަލި ހުރި މައިންގެ ފަރާތުން ދަރިފުޅަށް ބަލި އެރުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.
އަދި ބަނޑުބޮޑުއިރު ސިފިލިސް، ކިހުނު ބައްޔަށް އަށް ފަރުވާ ނުދެވިއްޖެނަމަ، ބަނޑަށް ދަރިފުޅު މަރުވުން ނުވަތަ އުފަންވާއިރު ސިއްޙީ ބޮޑެތި ނުކުޅެދުންތެރިކަން ކުރިމަތިވުން އެކަށީގެންވެއެވެ.
އަލްހަމްދުލިއްލާހިި! ދިވެހިރާއްޖޭގައި މިހާރު އުފަންވާ ކޮންމެ ކުއްޖަކުވެސް ދިރިއުޅުން ފަށަނީ އެފަދަ އެއްވެސް ނުރައްކަލެއް ނެތިއެވެ.
ޖެނީވާގައި ދިވެހި ރާއްޖެއަށް ލިބުނު މި ފަޚުރުވެރި ނަމަކީ ދުނިޔޭގެ ސިއްހަތު މަޖިލީހުގައި އެވޯޑެއް ހާސިލުކުރުމަށް ރާއްޖެއިން ސާބިތުކަން ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ.
މެއި 2025 ގައި ބޭއްވި 78 ވަނަ ދުނިޔޭގެ ސިއްހަތު މަޖިލީހުގައި، ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތުގެ އަގުވަޒަންކޮށް، ޑަބްލިއު.އެޗް.އޯ ގެ ޑައިރެކްޓަރ ޖެނެރަލްގެ ޚާއްސަ އެވޯޑާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައި ވެއެވެ. މިއީ ޖެނުއަރީ 2007 ގެ ފަހުން އުފަންވާ އެއްވެސް މީހަކަށް ދުންފަތުގެ އިސްތިއުމާލުކުރާ ތަކެތި ގަތުން މަނާކޮށް، "ޖެނެރޭޝަނަލް ސްމޯކިންގ ބޭން" ގެ ޖީލުތަކަށް ދެމިގެންދާނެހެން ދުންފަތް މަނާކުރުމުގެ ސިޔާސަތު ދުނިޔޭގައި ފުރަތަމަ ފަހަރަށް ތަންފީޒުކުރި ގައުމަށް ރާއްޖެ ވުމާ ގުޅިގެން ދެވުނު އެވޯޑެކެވެ.
ޓައިމް މެގަޒިންގެ 2026 ވަނަ އަހަރުގެ "TIME100 Health" ލިސްޓުގައި ރައީސް މުޢިއްޒުގެ ނަންފުޅު ހިމަނާފައިވަނީ، ޖީލުތަކަށް ދެމިގެންދާ ދުންފަތް މަނާކުރުމުގެ ސިޔާސަތާއި، ކޮންމެ ރަށެއްގައި ގާއިމުކުރި ދުންފަތް ހުއްޓާލުމަށް އެހީތެރިވެދޭ ހިލޭ ކްލިނިކްތަކާއި، 24 ގަޑިއިރު ޚިދުމަތްދޭ ނަފްސާނީ ސިއްހަތުގެ ހެލްޕްލައިން އިފްތިތާހުކުރުމާއި، އަދި 3 ބައްޔެއް ނައްތާލުމުގެ ކާމިޔާބީއަށް ރިއާޔަތްކޮށްފައެވެ.
އެ މަޖައްލާގައި ޝާއިއުކުރި ޕްރޮފައިލްގައި ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ގައުމުގެ ސިއްހީ ދާއިރާ ބަލިތަކަށް ފަރުވާކުރުމުގެ ބަދަލުގައި ބަލިތަކުން ރައްކާތެރިވުމުގެ ސިޔާސަތަކަށް ބަދަލުކުރަމުންދާ ކަމަށެވެ.
"ގިނަ ފަހަރަށް ސަރުކާރުގެ ސިޔާސަތަކީ ބަލިތަކުން ރައްކާތެރިވުމަށް އިސްކަންދިނުމުގެ ބަދަލުގައި، ސިއްހީ މައްސަލަތަކަށް ފަރުވާކުރުމުގެ ފިޔަވަޅުތައް އެޅުން،" އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑުމެން މިހާރު މި އިސްކަންދެނީ ދެ ފަރާތަށްވެސް ހަމަހަމަ ގޮތެއްގައެވެ."
މި ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ސިއްހީ ޚިދުމަތްތެރިންނަށާއި، މުޖުތަމައުތަކަށާއި، ބައިވެރިންނަށް ރައީސް މުޢިއްޒު ޝުކުރު އަދާކުރެއްވިއެވެ. އަދި މި ބަލައިގަތުމަކީ ބަލިތަކުން ރައްކާތެރިވުމުގެ ސިއްހީ ނިޒާމަކަށް ސަރުކާރުން ދޭ މެދުނުކެނޑޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ގައުމީ ރިޕޯޓު ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކަށް ފެތޭތޯ ބަލައި އިސްލާހުކުރުމުގައި އެހީތެރިވެދިން ޔުނިސެފުން ވަނީ، ދެކުނު އޭޝިއާގެ ގައުމުތަކާއި އެހެނިހެން ގައުމުތަކުންވެސް މި ކުރިއެރުމުގެ ބޭނުން ހިފައި، އެޗް.އައި.ވީ، ސިފިލިސް ނުވަތަ ހެޕަޓައިޓިސް ބީ އާއެކު އެއްވެސް ކުއްޖަކު އުފަންނުވާނެ ގޮތް ހެދުމަށް ގޮވާލާފައެވެ.
ވަސީލަތްތައް މަދު އަދި އާބާދީ ޖަޒީރާތަކަށް ބެހިފައިވާ މިފަދަ ހާލަތްތަކުގައި ތިބި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް، ރާއްޖެ މިހާރު ވެފައިވަނީ ނަމޫނާއަކަށެވެ. ރާއްޖެއިން ދަސްކޮށްދޭ ފިލާވަޅަކީ ހަމައެކަނި ފައިސާއިން ހުރިހާ ކަމެއް ހައްލު ނުވާނެ ކަމެވެ. އޭގެ ބަދަލުގައި، ދެމެހެއްޓެނިވި ނިޒާމުތަކާއި، މެދުނުކެނޑި ފޯރުކޮށްދޭ ޚިދުމަތްތަކާއި، އަދި ގިނަ އަހަރުތަކެއްގެ ސިޔާސީ ވަައުދުތަކުން، ހަމައެކަނި ފައިސާއަށް ނުކުރެވޭނެ ކަންކަން ހާސިލުކުރެވިދާނެކަމެވެ.
ރާއްޖޭގެ ކަންކަމަށް ފާޑު ކިޔާއިރު ރާއްޖެއިން ހޯދާފައިވާ އެހެން ގައުމުތަކަށް ހޯދިފައި ނުވާ ކާމިޔާބީއަށް ބަލައި ފަޚުރުވެރިވުމަކީވެސް މި ދީބަށް ނޭވާލާ މީހާ ކުރަން ޖެހޭނެ ކަމެކެވެ!





