އެމްޕީއެލްއިން ތިލަފުށީގައި ތަރައްގީކުރާ ބަނދަރަށް ކުއްލިއަކަށް އެމެރިކާގެ ސަމާލުކަން ހުއްޓުނީ ކީއްވެ؟

ދިވެހިރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލެއްވުމަށާއި، އެ މަޝްރޫއުގައި އެމެރިކާއަށް ބައިވެރިވެވިދާނެ ދާއިރާތައް ދެނެގަތުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު މި ހަފުތާގައި ތިލަފުއްޓަށް ޒިޔާރަތްކުރައްވައިފިއެވެ.

އެމެރިކާގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒްގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ނިކޯލް ޗުލިކް ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިސްވެރިންނާ ބައްދަލުކުރައްވައި، ތިލަފުށީގެ ސައިޓަށް ޒިޔާރަތްކުރައްވާފައެވެ. މާލޭގައި ހުންނަ އެމެރިކާ އެމްބަސީން ބުނި ގޮތުގައި، މި ޒިޔާރަތުގެ މަގްސަދަކީ ކްރިޓިކަލް އިންފްރާސްޓްރަކްޗާގެ ދާއިރާއިން ރާއްޖެއާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތައް ބެލުމެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިދިޔަ ފެބްރުއަރީ މަހު ހަވާލުކޮށްފައިވަނީ ޗައިނާގެ ސަރުކާރު ހިއްސާވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާއެވެ. އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 125 މީޓަރުގެ ބްރިޖަކާއި، ކާގޯ ފެސިލިޓީތަކާއި، ކޮންޓެއިނަރު ޕާކިން ސަރަހައްދެއް ތަރައްގީކުރުމުގެ އިތުރުން މުޅި މަޝްރޫއުގެ ސާވޭ އަދި ޑިޒައިންގެ މަސައްކަތެވެ.

ކުރީގެ ސަރުކާރުންވެސް މި މަޝްރޫއު ޗައިނާ ކުންފުންޏަކާ ހަވާލުކުރަން އުޅުނު ނަމަވެސް، އިންޑިއާގެ ކަންބޮޑުވުންތަކާ ހުރެ އެކަން އޭރު މަޑުޖެހުނު ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ވަނީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ސީއެޗްއީސީއާ ހަވާލުކޮށްފައެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ނުފޫޒަށް ބަލާ، އެމެރިކާގެ މި ޒިޔާރަތަކީ ޗައިނާގެ މަޝްރޫއުތަކަށް ބަދަލެއް ނުވަތަ އިތުރު ފުރުސަތެއް އޮތްކަން ދެއްކުމަށް ކުރި ޒިޔާރަތެއް ކަމަށް ބެލެވެއެވެ. ސްްރީލަންކާ އާއި ބަންގްލަދޭޝް ފަދަ ގައުމުތަކުގައިވެސް އެމެރިކާއިން މިފަދަ އުސޫލެއް ގެންގުޅެފައިވެއެވެ.

އެހެންނަމަވެސް، އަމަލީ ގޮތުން އެމެރިކާއަށް މި މަޝްރޫއުގައި ބައިވެރިވެވޭނެ މިންވަރާ މެދު ސުވާލު އުފެދެއެވެ. އެމެރިކާއަކީ ބަނގުރޫޓުވަމުންދާ އިގްތިސާދެކެވެ. އަދި އެތައް ދިމައަކުން ހަނގުރާމަ ކުރަމުންދާ ގައުމެކެވެ. ޗައިނާއިން ސިނަމާލެ ބްރިޖު ފަދަ ބޮޑެތި މަޝްރޫއުތައް އަމަލީ ގޮތުން ނިންމާފައިވާއިރު، އެމެރިކާގެ މި ޒިޔާރަތަކީ ހަމައެކަނި ސިޔާސީ ސިގްނަލެއްގެ ގޮތުގައި ސިފަކުރެވެއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރާއްޖޭގެ އިގްތިސާދަށް ނުހަނު މުހިންމު ކަމެކެވެ. އެމްޕީއެލްއިން ބުނާ ގޮތުގައި މި ބަދަލާއެކު މުދާ ހުސްކުރުމަށް ހޭދަވާ ވަގުތު 5 ނުވަތަ 6 ދުވަހުން 48 ގަޑިއިރަށް ކުޑަވެގެންދާނެއެވެ. މި މަޝްރޫއުގެ ދަށުން 20 ހެކްޓަރުގެ ބިން ހިއްކައި، ޒަމާނީ ވަސީލަތްތަކާއެކު ބަނދަރު ތަރައްގީކުރުމަށް ވަނީ ރޭވިފައެވެ.

Image: US Embassy Maldives / @USinMaldives

ހިއްސާ ކުރައްވާ!