ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސް ކުރުމަށް 50 މިނެޓު އަދި ޖަވާބުދާރީވުމަށް 10 މިނެޓު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފިއެވެ. މި މައްސަލައިގައި ވޯޓަށް އެހުން ބުރާސްފަތި ދުވަހު ބާއްވަފާނެ ކަމަށް ލަފާ ކުރެވެއެވެ.
މިގޮތަށް ކަނޑައެޅީ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވައި، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ތާއީދުކުރެއްވި ހުށަހެޅުމަކުންނެވެ. އަބްދުއްސައްތާރު ހުށަހެޅުއްވީ ބަހުސްގައި ވާހަކަދައްކަވާ ކޮންމެ މެންބަރަކަށް ތިން މިނެޓުގެ ވަގުތެއް ދިނުމަށާއި، ބަހުސް ފެށުމުގެ ކުރިން ޖަވާބުދާރީވުމަށް ނާޒިމަށް 10 މިނެޓު ދިނުމަށެވެ.
މި ހުށަހެޅުން ކޮމިޓީން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އެއް މެންބަރަކު ވަނީ ވޯޓުގައި ބައިވެރިނުވެ ފައެވެ. މި ނިންމުމާއެކު، މުޅި މައްސަލައިގެ ބަހުސާއި ޖަވާބުދާރީވުމަށް ގާތްގަނޑަކަށް އެއްގަޑިއިރު ހޭދަވާނެ ކަމަށް ބެލެވެއެވެ.
ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ވެރިކަންކުރާ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކުގައެވެ. ނަމަވެސް، އޭނާގެ އިތުބާރު ގެއްލުނު ސީދާ ސަބަބެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ހުށަހަޅާފައިވާ ގަރާރުގައި ބޭނުންކޮށްފައިވަނީ ވަކިފަރާތަކަށް ޖެހުމާއި ފިތުނަ އުފެއްދުން ފަދަ އާންމު އިބާރާތްތަކެކެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިއީ މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ބޭފުޅަކު ވަކިކުރުމަށް ހުށަހެޅުނު ފުރަތަމަ މައްސަލައެވެ. މި މައްސަލައިގެ ބަހުސަށްފަހު ބުރާސްފަތި ދުވަހު ނަގާ ވޯޓުން ނާޒިމްގެ މަގާމާ މެދު ގޮތެއް ނިންމިގެންދާނެއެވެ.




