ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އާއި ޔުގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލީގައި މިހާތަނަށް 600 މީހަކަށް ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ އިރު، 139 މީހުން މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ. މި އަދަދުތައް ކުރިއަށް އޮތް ތަނުގައި އިތުރުވުން އެކަށީގެންވާ ކަމަށް އެ ޖަމްއިއްޔާއިން ވަނީ އިންޒާރު ދީފައެވެ.
ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ވިދާޅުވީ، މި ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށެވެ. ނަމަވެސް، މިއީ މުޅި ދުނިޔެއަށް ފެތުރިފައިވާ 'ޕެންޑެމިކް' އެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ޑަބްލިއުއެޗްއޯ އިން މި ބަލިމަޑުކަމުގެ ނުރައްކާ ގައުމީ އަދި ސަރަހައްދީ ފެންވަރުގައި މަތި ކަމަށް ބެލި ނަމަވެސް، ދުނިޔޭގެ ފެންވަރުގައި މި ބަލީގެ ނުރައްކާ އޮތީ ކުޑަ މިންވަރެއްގައި،" ޓެޑްރޯސް ވިދާޅުވިއެވެ. މި ބަލިމަޑުކަން ފެށިފައިވަނީ ޑީއާރުސީން އެންމެ ފަހުން ފެތުރުނު އެބޯލާ ރޯގާ ނިމުމަކަށް އައިތާ އެންމެ ފަސް މަސް ދުވަސް ފަހުންނެވެ.
ޑަބްލިއުއެޗްއޯގެ އިމަޖެންސީސް ޗީފް ޗިކްވޭ އިހެކްވޭޒޫ ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ބަލި ފެތުރެމުންދާ ހުރިހާ ގޮތްތަކެއް ދެނެގަތުމަށް ކަމަށެވެ. އެއަށްފަހު ބަލިމަޑުކަން ފެތުރިފައިވާ މިންވަރު ސާފުކޮށް ދެނެގަނެ، ބަލިމީހުންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިއްހީ މާހިރުން ބުނާ ގޮތުގައި މިފަހަރު ބަލި ފެތުރެނީ 'ބުންޑިބުގްޔޯ' ސްޓްރެއިންގެ ސަބަބުންނެވެ. މިއީ މިހާތަނަށް އެއްވެސް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައިވާ ވައިރަހެއް ނޫން ކަމަށްވާތީ، މިކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ޔޫރަޕްގެ އޮފިޝަލުން ބުނާ ގޮތުގައި ޔޫރަޕަށް މި ބަލި ފެތުރުމުގެ ފުރުސަތު މިހާތަނަށް އޮތީ ވަރަށް ކުޑަ މިންވަރެއްގައެވެ.






