’ބިއުރޯ ފޯ ޕަބްލިކް ކޮމްޕްލެއިންޓްސް’އަށް ހުށަހެޅޭ ގިނަ ޝަކުވާތައް ވާނީ ރައީސް އައްޔަން ކުރައްވާފައިވާ ބޭފުޅުންނާ ދެކޮޅަށް ކުރެވޭ ޝަކުވާއަށް

ދިވެހި ރައްޔިތުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިސްވެރިންނާ މެދު ކުރަން ބޭނުންވާ ޝަކުވާތައް ހުށަހެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހާއްސަ ބިއުރޯއެއް ގާއިމުކޮށް، އެ ތަނުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށް ތައްޔާރުވެއްޖެއެވެ. 'ބިއުރޯ ފޯ ޕަބްލިކް ކޮމްޕްލެއިންޓްސް' ގެ ނަމުގައި އުފެއްދި މި އޮފީހުގެ އެންމެ އިސްވެރިޔަކަށް، ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޑރ. މާހިދު ޝަރީފް އައްޔަންކުރައްވާފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި އިއުލާނުކުރެއްވި މި ބިއުރޯގެ މައިގަނޑު މަގްސަދަކީ ރައްޔިތުން ހުށަހަޅާ ޝަކުވާތައް ބަލައި، އެ ކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމެވެ. މި ބިއުރޯގެ ދަށުން 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރަކާއި، ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ޝަކުވާތައް ކަމާބެހޭ އިދާރާތަކަށް ފޮނުވުމާއި، މައުލޫމާތު ހޯދުމުގެ ނިޒާމެއް ގާއިމުކުރެވޭނެއެވެ.

މި ބިއުރޯ ހިންގެވުމާ ހަވާލުކުރެއްވި ޑރ. މާހިދު ޝަރީފަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ، ތައުލީމީ އަދި ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުކަމާއި، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސްގެ ސީއީއޯގެ މަގާމު ފުރުއްވާފައެވެ. މި މަގާމަށް އޭނާ އައްޔަންކުރައްވާފައިވަނީ މިނިސްޓަރު ފެންވަރުގައެވެ.

ރާއްޖޭގައި މީގެ ކުރިންވެސް މައުމޫނުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ސީދާ ޝަކުވާ ހުށަހެޅުމުގެ ސަގާފަތެއް އޮވެއެވެ. ނަމަވެސް، ގިނަ ފަހަރަށް އެފަދަ ޝަކުވާތަކަށް ލިބޭ ޖަވާބަކީ ކަމާބެހޭ އިދާރާއިން ފޮނުވާ ރަސްމީ ޖަވާބު އަލުން ރައްދުކުރުން ކަމަށްވާތީ، މި އާ ނިޒާމުން އެކަން ބަދަލުވާނެތޯ ސުވާލު އުފެދެއެވެ. ކަމާބެހޭ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ބާރު މި ބިއުރޯއަށް އޮތުމަކީ ނިޒާމު ކާމިޔާބުވުމުގެ އަސްލެވެ.

މި ބިއުރޯއަކީ ހަމައެކަނި ޝަކުވާ ބަލައިގަންނަ ތަނަކަށް ވުމުގެ ބަދަލުގައި، އެންމެ ގިނައިން ޝަކުވާ އަންނަނީ ކޮން މުއައްސަސާއަކުންތޯއާއި، އެންމެ ގިނަ ދުވަސްވަންދެން ހައްލުނުވެ ހުރީ ކޮން ދާއިރާއެއްގެ މައްސަލަތަކެއްތޯ ބަލައި، އެ ތަފާސްހިސާބުތައް އާންމުކުރުން މުހިންމެވެ. އަދި ޝަކުވާތަކަށް ޖަވާބު ދިނުމަށް ވަކި މުއްދަތެއް (މިސާލަކަށް 14 ދުވަސް) ކަނޑައަޅައި، އެ މުއްދަތަށް އަމަލުކުރެވޭތޯ ބެލުމަކީ މި ނިޒާމުގެ އިތުބާރު ބޮޑުވާނެ ކަމެކެވެ.

ރާއްޖޭގައި މިނިވަން އޮމްބަޑްސްމަންއެއް ނެތް ހާލަތެއްގައި، ރައީސް އޮފީހުގެ ތެރޭގައި މިފަދަ ބިއުރޯއެއް ހިންގުމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، އިންސާފުވެރިކަމާއެކު މަސައްކަތް ކުރެވޭނެ ނިޒާމަކަށް ވާންޖެހެއެވެ. މި ބިއުރޯގެ ކާމިޔާބީ ބިނާވެފައިވަނީ އެ ތަނަށް ދީފައިވާ ބާރުވެރިކަމުގެ މައްޗަށެވެ. ޔަގީނުންވެސް މިތަނަށް ހުށަހަޅާ ގިނަ ޝަކުވާތައް ވާނީ ރައިސް އިތުބާރު ކުރައްވައިގެން ރައީސް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ނޭއްގާނީކަމުން ރައްޔިތުން ކުރާނެ ޝަކުވާއެވެ!

ހިއްސާ ކުރައްވާ!