ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާއިން، ފޭސްބުކާ ގުޅުންހުރި އާ އެޕްލިކޭޝަނެއް ކަމަށްވާ "ފޯރަމް" ހިމޭންކަމާއެކު ތައާރަފުކޮށްފިއެވެ. ރިޕޯޓްތައް ބުނާގޮތުން މި އެޕްލިކޭޝަން މިހާރު ވަނީ ވަކި ޚާއްސަ ގައުމުތަކެއްގެ އައިފޯން ބޭނުންކުރާ ފަރާތްތަކަށް ލިބޭނެ ގޮތް ހަދާފައެވެ.
މި އެޕްލިކޭޝަނަކީ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ރެޑިޓް އަދި ކުއޯރާ އާ އެއްގޮތް ސިފަތަކެއް އެކުލެވިގެންވާ އެޕެކެވެ. އެޕްގެ ޑިސްކްރިޕްޝަންގައިވާ ގޮތުން، މިއީ މާނަހުރި ވާހަކަތައް ދެއްކުމަށާއި، ހަގީގީ ޖަވާބުތައް ހޯދުމުގެ އިތުރުން ތިމާ ގަޔާވާ ކޮމިއުނިޓީތަކުގެ ބައިވެރިއަކަށް ވުމަށް ފަރުމާކޮށްފައިވާ ވަސީލަތެކެވެ.
ފޯރަމް އެޕް މެދުވެރިކޮށް ބޭނުންކުރާ ފަރާތްތަކަށް ސުވާލުތައް ކުރެވޭނެއެވެ. އަދި މި ސުވާލުތަކަށް ޖަވާބު ލިބޭނީ ފޭސްބުކް ގްރޫޕްތަކުގައި ހިމެނޭ މެންބަރުންގެ ފަރާތުންނެވެ. ޑިފޯލްޓްކޮށް މި އެޕުން ދައްކާނީ ބޭނުންކުރާ މީހާ ޝައުގުވެރިވާ ދާއިރާތަކާ ގުޅޭ ފޭސްބުކް ގްރޫޕްތަކުގެ ކޮންޓެންޓެވެ. މި އެޕް ބޭނުންކުރުމަށްޓަކައި ފޭސްބުކް އެކައުންޓެއް އޮތުން މަޖުބޫރުވާނެއެވެ.
މެޓާއިން ހާމަކުރި ގޮތުގައި މި އެޕްލިކޭޝަން ހާއްސަކޮށްފައިވަނީ ފޭސްބުކް ގްރޫޕްތައް ހިންގާ ފަރާތްތަކަށެވެ. ގްރޫޕްތައް ބެލެހެއްޓުމަށާއި ކޮންޓެންޓް ފިލްޓަރު ކުރުމަށް އެހީތެރިވެދޭނެ އޭއައި އެޑްމިން އެސިސްޓެންޓެއް ވެސް މި އެޕްގައި ހިމެނޭނެއެވެ. ފޭސްބުކުން ބުނާގޮތުގައި މި އެޕްގެ މައިގަނޑު ބޭނުމަކީ ހަގީގީ އިންސާނުންގެ ފަރާތުން ސައްހަ ޖަވާބުތައް ހޯދައިދިނުމެވެ.
މިކަމާ ގުޅޭގޮތުން މެޓާގެ ތަރުޖަމާނަކު ވިދާޅުވީ، މި އެޕްލިކޭޝަން މިހާރު އޮތީ ޓެސްޓް ކުރުމުގެ މަރުހަލާއެއްގައި ކަމަށެވެ. "އަހަރެމެން އަބަދުވެސް އާ އުފެއްދުންތައް ޓެސްޓް ކުރަމުންދަނީ މީހުންގެ ޝައުގުވެރިކަން ހުރި ދާއިރާތައް ދެނެގަތުމަށްޓަކައި،" ތަރުޖަމާނު ވިދާޅުވިއެވެ. މި އެޕްގެ ސަބަބުން ފޭސްބުކްގެ ބިލިއަނުން ގުނާލެވޭ ޔޫޒަރުންގެ ބޭނުން ހިފައިގެން އިތުބާރު ހުރި މައުލޫމާތު ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.




