ބްރެޒިލްގެ އިންތިޚާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށް މެޓާއަށް ތުހުމަތުކޮށްފި

ބްރެޒިލްގެ ރައީސް ލުއިސް އިނާސިއޯ ލޫލާ ދަ ސިލްވާގެ ކެމްޕޭން ޓީމުން މެޓާ ކުންފުންޏާ ދެކޮޅަށް ތުހުމަތުތަކެއް ކޮށްފިއެވެ. އެ ކެމްޕޭނުން ބުނާ ގޮތުގައި، މެޓާގެ މީސް މީޑިއާ ޕްލެޓްފޯމްތަކުން ލޫލާގެ ސިޔާސީ ކޮންޓެންޓްތައް ހިފަހައްޓައި، ގަސްދުގައި އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވަމުންދެއެވެ.

އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ލޫލާ ވާދަކުރައްވަނީ ކުރީގެ ރައީސް ޖާއިރް ބޮލްސްނާރޯގެ ދަރިކަލުން، ސެނެޓަރ ފްލާވިއޯ ބޮލްސްނާރޯއާއެވެ. އޭއެފްޕީއިން ހާމަކޮށްފައިވާ ގޮތުގައި، ލޫލާގެ ކެމްޕޭނުން ނެރުނު ރަސްމީ ބަޔާނެއްގައިވަނީ ފޭސްބުކް، ވަޓްސްއެޕް، އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުން ލޫލާގެ ކެމްޕޭން މެސެޖުތައް ފެތުރުމަށް ގަސްދުގައި ހުރަސްއަޅަމުންދާ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި އިންސްޓަގްރާމް ފީޑް މެދުވެރިކޮށް ރައީސް ލޫލާގެ ރަސްމީ އެކައުންޓުން ކުރާ ޕޯސްޓުތައް ޕްރޮމޯޓުކުރުމަށް މެޓާއިން ހުރަސްއަޅާފައިވާ ކަމަށް ކެމްޕޭން ޓީމުން ތުހުމަތުކުރެއެވެ. އަދި މިދިޔަ އާދީއްތަ ދުވަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ ކުރިން، އިންސްޓަގްރާމްގެ ސާޗް ބާރުން ލޫލާ އާއި ވާތު ފިޔައިގެ އެހެން އިސް ވެރިންގެ އެކައުންޓްތައް ކުއްލިއަކަށް ގެއްލިގެންދިޔަ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"މިފަދަ ފަންނީ އަދި ނިޒާމީ މައްސަލަތަކުގެ ސަބަބުން، މެޓާގެ އަމަލުތަކަކީ ފްލާވިއޯ ބޮލްސްނާރޯއަށް މަގުފަހިކޮށްދިނުމަށްޓަކައި ބްރެޒިލްގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގޭ ވަކި ސްޓްރެޓެޖީއެއް ކަމަށް ބެލެވޭ ފަދަ ވަރުގަދަ ޝައްކުތަކެއް ވަނީ އުފެދިފައި،" ކެމްޕޭން ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް، ބްރެޒިލްގައި ހުންނަ މެޓާގެ އޮފީހުން ވަނީ މި ތުހުމަތުތައް މުޅިން ދޮގުކޮށްފައެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް، އަދި ހަގީގަތާ ޚިލާފު ވާހަކަތަކެކެވެ. މެޓާގެ ތަރުޖަމާނަކު މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ، ފާހަގަކުރެވުނު ފަންނީ މައްސަލަތަކަކީ ހަމައެކަނި ބްރެޒިލްއަށް ނުވަތަ ވަކި ކޮންމެވެސް އެކައުންޓަކަށް ދިމާވެފައިވާ ކަންކަން ނޫން ކަމަށާއި، ކުންފުނިން އަބަދުވެސް އިންތިޚާބީ ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބައި، ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ފުރުސަތު ދެމުންދާ ކަމަށެވެ.

ބްރެޒިލްގެ ސިޔާސީ މަސްރަހު މިވަގުތު އޮތް ގޮތުން، އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށް ޑިޖިޓަލް މީޑިއާ ޕްލެޓްފޯމްތަކާއި ސިޔާސީ ޕާޓީތަކާ ދެމެދު އޮތް ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ.

ހިއްސާ ކުރައްވާ!