އިންސްޓަގްރާމް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންނާއި މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް، އެ އެޕްލިކޭޝަނަށް އެކުދިން ދެވިހިފާކަން އެނގިތިބެ، އެކަން ސިއްރުކޮށްފައިވާ ކަމަށް ބުނެ އެމެރިކާގެ 29 ސްޓޭޓަކުން މެޓާ ކުންފުންޏާ ދެކޮޅަށް ދައުވާއެއް އުފުލައިފިއެވެ.
ކެލިފޯނިއާގެ އޯކްލެންޑްގެ ފެޑެރަލް ކޯޓެއްގައި އަންގާރަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި ސްޓޭޓްތަކުގެ ގާނޫނީ ވަކީލުން ވަނީ، މެޓާއިން އެނގިތިބެ ކުޑަކުދިންގެ ނަފްސާނީ ނުރައްކަލުގެ ތެރެއަށް ހުށަހެޅި ކަމުގެ ތުހުމަތުކޮށްފައެވެ. މި ޝަރީއަތް 8 ހަފުތާގެ މުއްދަތަކަށް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.
ޝަރީއަތުގައި ކެލިފޯނިއާގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް މޭގަން އޯނީލް ވިދާޅުވީ، މެޓާގެ އެތެރޭގެ ތަހުގީގުތަކުންނާއި ދިރާސާތަކުން އިންސްޓަގްރާމަކީ ކުޑަކުދިން ދެވިހިފާ ގޮތަށް ފަރުމާކުރެވިފައިވާ އެޕެއްކަން ސާބިތުވާ ކަމަށެވެ. އަދި "ކުޑަކުދިންނަކީ އެންމެ ރަނގަޅު އަމާޒު" ކަމަށް ބުނާ މެޓާގެ އެތެރޭގެ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅުއްވަމުން އޯނީލް ވިދާޅުވީ، ކުޑަކުދިންގެ ސަލާމަތަށްވުރެ މެޓާއިން އިސްކަންދިނީ ކުންފުނީގެ މާލީ ފައިދާއަށް ކަމަށެވެ.
މީގެއިތުރުން، ބެލެނިވެރިންގެ ހުއްދައާ ނުލައި 13 އަހަރުން ދަށުގެ ކުދިންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށްވެސް 233 ސަފުހާގެ މި ދައުވާގައި ތުހުމަތުކޮށްފައިވެއެވެ.
މި ދައުވާގައި މެޓާ ކުށްވެރިވެއްޖެނަމަ، 200 ބިލިއަން ޑޮލަރާ ހަމައަށް ޖޫރިމަނާކުރުމުގެ ފުރުސަތު އޮތްއިރު، ސްޓޭޓްތަކުން އެދެނީ ކުޑަކުދިންނަށް ރައްކާތެރި ގޮތަކަށް މެޓާގެ އުފެއްދުންތަކުގެ ފީޗާތައް ބަދަލުކުރުމަށެވެ. ނަމަވެސް މެޓާގެ ވަކީލު ޕޯލް ޝްމިޑް ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ސްޓޭޓްތަކުން ކޯޓަށް ހުށަހަޅާފައިވާ އިީމެއިލްތަކާއި ލިޔެކިޔުންތަކަކީ އޭގެ އަސްލު މާނަ އޮޅޭގޮތަށް، ވަކި ބައިތަކެއް ނަގައިގެން ހުށަހަޅާފައިވާ އެއްޗެހި ކަމަށެވެ.





