މިއަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއިން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، ހައްޖު ސެކިއުރިޓީ ފޯސްތަކުން ހާއްސަ އަސްކަރީ ޕެރޭޑެއް މައްކާގައި ބާއްވައިފިއެވެ. މި ޕެރޭޑަކީ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ބާރުތަކުން ވެފައިވާ ތައްޔާރީތައް ދައްކާލުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ.
ސައުދީ މީޑިއާން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޕެރޭޑް ޝަރަފުވެރިކޮށްދެއްވައި ސަލާމަތީ ބާރުތަކުގެ ތައްޔާރީތައް ބައްލަވާލެއްވީ ސައުދީ ދާޚިލީ ވަޒީރު އަދި ސުޕްރީމް ހައްޖު ކޮމިޓީގެ ޗެއާމަން ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް ބިން އަބްދުލްއަޒީޒް އާލަސުއޫދު އެވެ.
މި ޕެރޭޑުގައި ސަލާމަތީ ބާރުތަކުގެ އެކި ޔުނިޓްތަކުން ވަނީ އެ ފަރާތްތަކުގެ އަސްކަރީ ޑިސިޕްލިންއާއި، ފަންނީ ހުނަރުވެރިކަން އަދި އޮޕަރޭޝަނަލް ގާބިލުކަން ދައްކާލާފައެވެ. މީގެ އިތުރުން، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި، ގިނަ އަދަދެއްގެ މީހުން އެއްވެ އުޅޭ ސަރަހައްދުތައް ކޮންޓްރޯލްކުރާނެ ގޮތުގެ ފީލްޑް ޑްރިލްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ހައްޖުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި އުޅަނދުފަހަރުގެ އިތުރުން، ސެކިއުރިޓީ އެވިއޭޝަންގެ ހެލިކޮޕްޓަރުތަކާއި ފީލްޑް ސަޕޯޓް ވެހިކަލްތައް ވެސް މި ޕެރޭޑުގައި ބައިވެރިކޮށްފައިވެއެވެ. މި ހުރިހާ ވަސީލަތްތަކަކީ ވެސް ހައްޖުވެރިންނަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ބޭނުންކުރެވޭނެ ވަސީލަތްތަކެއް ކަމަށް ސައުދީ ސަރުކާރުން ހާމަކުރެއެވެ.







