އިގްތިސާދީ ގޮންޖެހުންތަކާ ހުރެ ގަތަރު އެއާވޭސްގެ މުވައްޒަފުންގެ ބޯނަސް ކަނޑާލައިފި

މެދުއިރުމަތީގައި އެމެރިކާއިން މަސްލަހަތު ގެއްލުވާލުމާއި އެއިން އުފެދިފައިވާ އިގްތިސާދީ ހަލަބޮލިކަމުގައި ދަތުރުތައް މެދުކަނޑާލަން ޖެހުމާ ގުޅިގެން، ގަތަރު އެއާވޭސްގެ 60 ހަށޤ މުވައްޒަފުންނަށް މިއަހަރު ދޭން އޮތް ބޯނަސް ނުދޭން އެ އެއާލައިނުން ނިންމައިފިއެވެ. ބްލޫމްބާގް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ނިންމުމަކީ އެއާލައިނަށް ލިބޭ އާމްދަނީން ބިލިއަނުން ޑޮލަރު މަދުވުމާ ގުޅިގެން ނިންމި ނިންމުމެކެވެ.

ބްލޫމްބާގަށް ފެނިފައިވާ އެއާލައިންގެ އެތެރޭގެ މެމޯއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ނިންމުން ނިންމަން ޖެހުނީ މެދުއިރުމަތީގެ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމުގެ ސަބަބުންނެވެ. އަދި މި ނިންމުމުގެ މައިގަނޑު މަގްސަދަކީ ކުރިމަތިވެފައިވާ ނުތަނަވަސް ދަނޑިވަޅުގައި ކުންފުނީގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުން ކަމަށްވެސް އެ މެމޯގައި ބުނެފައިވެއެވެ.

ދަތުރުތަކަށް ބޮޑު ބުރޫއެއް

ފްލައިޓް ރާޑާ 24 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގަތަރު އެއާވޭސް މިހާރު ހިންގަމުންދަނީ އާންމުކޮށް ދަތުރުކުރާ ތާވަލުގެ 60 އިންސައްތައަށްވުރެ މަދު ދަތުރުތަކެކެވެ. މިއީ ސަރަހައްދުގެ އެހެން އެއާލައިންތަކާ އަޅާބަލާއިރު އެންމެ ބޮޑު ހީނަރުކަމެއް އައި އެއާލައިނެވެ. ނިމިދިޔަ މާލީ އަހަރުގައި އެ ކުންފުނީގެ ސާފު ފައިދާ ވަނީ 10 އިންސައްތަ ދަށަށް ގޮސް، 7.08 ބިލިއަން ގަތަރު ރިޔާލް (ގާތްގަނޑަކަށް 1.9 ބިލިއަން ޑޮލަރު) އަށް ތިރިވެފައެވެ.

މުވައްޒަފުންނަށް ދޭ ބޯނަސް އާންމުކޮށް ހުންނަނީ އާދައިގެ މުވައްޒަފުންނަށް މަދު ހަފްތާތަކެއްގެ މުސާރައިން ފެށިގެން އެގްޒެކެޓިވް ލެވެލްގެ ބޭފުޅުންނަށް އެތައް މަހެއްގެ މުސާރައާ ހަމައަށެވެ. ކުންފުނީގެ ކޭޝް ފްލޯ ހިފެހެއްޓުމަށްޓަކައި އެއާލައިނުން މިހާރު ދަނީ ބޯޓުތައް ކުއްޔަށްދޭ ކުންފުނިތަކާ ވާހަކަދައްކައިގެން ކުލި ދެއްކުން ފަސްކުރުމަށް ނުވަތަ ކުލި ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ.

އާ ސީއީއޯއަށް ބޮޑު އިމްތިހާނެއް

މިއީ ގަތަރު އެއާވޭސްގެ އާ ސީއީއޯ ހަމަދު އަލީ އަލްޚާތިރު އަށް ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑު އެއް އިމްތިހާނެވެ. އޭނާގެ ކުރިމަތީގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ފްލައިޓްތަކުގެ އޮޕަރޭޝަންތައް މެނޭޖްކުރުމާއި، މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމާއި، ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހިމެނެއެވެ.

މީގެ ކުރިންވެސް 2017 ވަނަ އަހަރު ކުރިމަތިވި ސަރަހައްދީ މައްސަލައިގައި ގަތަރު އެއާވޭސްއަށް ވަނީ އެއާލައިންގެ ރޫޓުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކާމިޔާބުކަމާއެކު އެ ހާލަތުން އަރައިގަނެފައެވެ. ނަމަވެސް މިހާރުގެ ހާލަތާ ގުޅޭގޮތުން އެއާލައިނުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!