ފަރަންސޭސިވިލާތުގެ ހުޅަނގުގައި އޮންނަ ނާންޓް ސިޓީގެ ކޯޓުން މުސްލިމުން ބާއްވަން އުޅުނު ކޮންފަރެންސެއް ނު ބޭއްވުމަށް އަމުރެއް ނެރެފިއެވެ. (ހުޅަނގުގެ މުސްލިމުންގެ ބައްދަލުވުން) ކޮންފަރެންސް ބޭއްވުން މަނާކުރި ކުރުމަށް ތާއީދުކުރުމަކީ، އިޚްވާނުލް މުސްލިމީން ޖަމާއަތުގެ ނުފޫޒު ފްރާންސްގައި ފެތުރެނީ ކަމަށް ބުނެ އިސްލާމީ ސިޔާސީ ފިކުރު ފެތުރުމާ ދެކޮޅަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވިދާޅުވެއްޖެއެވެ.
އިޚުވާނުލްމުސްލިމޫން ޖަމާއަތަކީ މިއަދާ ހަމައަށް އެއްވެސް ގައުމެއްގައި އެ ޖަމާއަތުގެ ނަމުގައި އެއްވެސް ޓެރަރިސްޓް ހަމަލައެއް ދިން ކަމަށް އެއްވެސް ރެކޯޑެއް އޮތް ޖަމާއަތެއް ނޫނެވެ. މިއީ އިސްލާމީ ސިޔާސީ ފިކުރީ ޖަމާއަތެކެވެ،. މިސްރުގެ ހަސަނުލްބަންނާ 1926ގައި އުފެއްދި މި ޖަމާއަތަކީ މިސްރުގެ ޖަމާލު އަބްދުއްނާސިރުގެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށް ގަލަފްގެ އަރަބި ޝެއިޚު ރަސްރަސްކަލުންނާއި ޚުދުމުޚުތާރު މުސްލިމު ވެރިން ބިރެއް ކަމުގައި ބެލި ޖަމާއަތެކެވެ. މި ޖަމާއަތަށް ފުރަތަމަ ފަހަރަށް ވެރިކަން ލިބުނީ އަލްޖަޒާއިރުގައި 80 ގެ ފަހުކޮޅުގައެވެ.
އެ އިންތިޚާބުގައި ރާޝިދުލް ޣަނޫޝީ ކާމިޔާބު ކުރުމުން ސިފައިން ވަނީ ވެރިކަން ހަވާލުނުކޮށް އިންގިލާބަލުން ޑިމޮކްރެޓިކް އިންތިޚާބު އުވާލާފައެވެ. އެއަށްފަހު ވޮޓު ފޮށިން މިސްރުގައި ޑރ. މުރުސީ އިޚުވާން އެޖެންޑާއެއްގައި ވެރިކަމަށް ވަޑައިގަތުމުން ޔޫއޭއީ އިސްވެ އޮވެގެން މިސްރުގެ ސިފައިންނާ ގުޅިގެން މުރުސީގެ ވެރިކަން ވައްޓާލައި ކޯޓު ރޫމްގައި އޭނާ ޗަހީދު ވަންދެން ހިފަހައްޓާލިއެވެ. އެއަށްފަހު ޔޫއޭއީ ސަރުކާރުން ވަނީ ސުއިޒަރލެންޑްގައި ހުރި ޖަމާއަތެއ ްމެދުވެރިކޮށް ފައިސާ ދީގެން އިޚުވާނާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕްގައި އެ ފިކުރު ބަދުނާމު ކޮށ އިސްލާމޯފޯބިއާގެ ކެމްޕޭނެއް ހިންގާ ފައެވެ!
އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ލެކޯނޫ ވިދާޅުވީ، "ނާންޓްގެ ކޯޓުން ނެރުނު ހުކުމަކީ އިޚްވާނުލް މުސްލިމީންގެ ނުފޫޒާ ދެކޮޅަށް ކުރާ މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެއް" ކަމަށެވެ.
އަދި "ސިޔާސީ އިސްލާމްދީނާ ކުރިމަތިލާއިރު، ފްރާންސް ޖުމްހޫރިއްޔާ ވާންޖެހޭނީ ގާނޫނީ ގޮތުން އެއްވެސް އުނިކަމެއް ނެތް، ހަރުދަނާ އަދި ސާބިތު ބަޔަކަށް" ކަމަށް ވިދާޅުވެ، ދާޚިލީ ވުޒާރާގެ ޓީމުތަކުން ކުރި މަސައްކަތަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
ނާންޓްގެ އެޑްމިނިސްޓްރޭޓިވް ކޯޓުން ވަނީ މި ކޮންފަރެންސް އިންތިޒާމުކުރި ފަރާތްތަކުން ހުށަހެޅި އިސްތިއުނާފު ބޭރުކޮށްލާފައެވެ. އަދި 2026 ވަނަ އަހަރުގެ މެއި މަހުގެ 23 އާއި 24 ގައި ނާންޓްގެ މަލަކޯފް ސަރަހައްދުގައި ހުންނަ މަސްޖިދުއްސަލާމްގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މި ކޮންފަރެންސް މަނާކުރުމަށް ލޮއާ-އެޓްލާންޓިކް ޕްރިފެކްޗަރ އާއި ދާޚިލީ ވުޒާރާއިން ނިންމި ނިންމުމަށް ކޯޓުން ވަނީ ތާއީދުކޮށްފައެވެ.
ދާޚިލީ ވަޒީރު ލޯރެންޓް ނޫނޭޒް މި ނިންމުން ދިފާއުކުރައްވަމުން ވިދާޅުވީ، "މި ކޮންފަރެންސްގައި ދައްކަން ނިންމާފައި އޮތް ވާހަކަތަކަކީ ގައުމީ އެއްބައިވަންތަކަމާއި އިންސާނީ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ވާހަކަތަކެއް" ކަމަށެވެ.
މި ފިޔަވަޅަކީ ފަރަންސޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން "ސިޔާސީ އިސްލާމްދީން" ކަމަށް ސިފަކުރާ ކަންކަމާއި، އެ ގައުމުގައި ހަރަކާތްތެރިވާ އިޚްވާނުލް މުސްލިމީންގެ ހަރަކާތްތަކާ ދެކޮޅަށް ފަހަކަށް އައިސް މެކްރޮންގެ ސަރުކަރުން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.
މީގެ ކުރިންވެސް ފަރަންސޭސިވިލާތުން ވަނީ މިފަދަ ފިޔަވަޅުތައް އަޅާފައެވެ. އޭގެ ތެރޭގައި ބައެއް ޖަމިއްޔާތައް އުވާލުމާއި، ހަރަކާތްތައް ބޭއްވުން މަނާކުރުމާއި، މިސްކިތްތަކުގައި ދޭ ޚުތުބާތަކަށް ޖާސޫސް ކުރުން ހިމެނެއެވެ.
އެކަމަކު އަލްޙަމްދުލިއްލާހި! ފްރާންސަކީ އެންމެ ބާރަށް އިސްލާމް ދީން ފެތުރޭ ޤައުމެވެ. ކޮންމެ މަހަކު އެވަރެޖްކޮށް 900 އެއްހައި މީހުން އިސްލާމް ދީން ޤަބޫލު ކުރެއެވެ.
ނާންޓް ސިޓީއަކީ ފަރަންސޭސިވިލާތުގައި މުސްލިމުންގެ އާބާދީ ބޮޑު އަދި ހަރަކާތްތައް އިތުރު ސިޓީއެކެވެ.






