ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މި ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވަނީ ކެބިނެޓުން ޖާގަ ހޯދަން ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ނަޝީދު މި ސަރުކާރުގެ ކެބިނެޓުން ޖާގަ ހޯއްދަވަން މަސައްކަތްޕުޅު ކުރެއްވި ކަމަށާއި، އެ ފުރުސަތު ނުދެއްވުމުން ސަރުކާރު ކަމުނުގޮސްގެން އުޅުއްވަނީ ކަމަށެވެ.
ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުކުރަން އޭރުގެ އިދިކޮޅު ޕީޕީއެމުން ކުރި މަސައްކަތުގައި ބައިވެރިވުމަށް ނަޝީދު މަންދޫބުން ފޮނުއްވި ކަމަށެވެ. އެގޮތުން އުނގޫފާރު ދާއިރާގެ އޭރުގެ މެންބަރު މުހައްމަދު ވަހީދު ފަދަ ބޭފުޅުން މެދުވެރިކޮށް، ދެކުނު ކަނޑުގެ މައްސަލައިގައި ސޯލިހުގެ ސަރުކާރަށް ފާޑުވިދާޅުވީ ނަޝީދު ފަހަތުގައި ހުންނަވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު އެމްޑީޕީއަށް ހެޔޮ އެދިގެން އުޅޭ ނަޝީދު އޭރު އެމްޑީޕީގެ ވެރިކަން ބަދަލުކުރަން ދެއްކި ވާހަކަ މިއީ،" ޝުޖާއު ވިދާޅުވިއެވެ.
ޑރ. ޖަމީލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ޖަމީލަކީ ވަރަށް އަމިއްލަ އެދުން ބޮޑު ބޭފުޅެއް ކަމަށާއި، ކެބިނެޓުން ފުރުސަތު ދެއްވިނަމަ މިއަދު ރައީސް ޔާމީންގެ އަރިހުގައި ޖަމީލު ނުހުންނަވާނެ ކަމަށެވެ. އަދި ޕީއެންއެފްގެ މުޒާހަރާއެއްގެ ތެރެއިން ރައީސް ޔާމީން ހައްޔަރުކުރަން ގޮވި ވަގުތު ޖަމީލާއި މަލީހު ޖަމާލު ހިނިފުޅުވަޑުވަން ތިއްބެވި ކަމަށް ވިދާޅުވެ، ޖަމީލުގެ ހިތްޕުޅު ރައީސް ޔާމީނަށް ސާފު ނޫންކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ޔާމީނާ މެދު ބަހައްޓަވާ ގާތްކަމަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، ރައީސް ޔާމީނާ މެދު ކުޑައިމީސްކޮށް ވާހަކަ ނުދެއްކުމަށް ރައީސް މުއިއްޒު ތަކުރާރުކޮށް އިރުޝާދު ދެއްވާ ކަމަށެވެ. ރައީސް ޔާމީން ކިތަންމެ ހަޑިކޮށް އެއްޗެއް ވިދާޅުވި ނަމަވެސް އެއަށް ރައްދު ނުދެއްވުމަށް ސަރުކާރާއި ޕާޓީގެ އިސްބޭފުޅުންނަށް ރައީސް އަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދުގެ ސިޔާސީ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ، ކެބިނެޓުން ޖާގަ ނުލިބުމުން ނަޝީދު ސައުތު އެފްރިކާއަށް ވަޑައިގަންނަވަން ޖެހުނު ކަމަށާއި، މިކަމަށް ހަސަން ލަތީފް ވެސް ހެކިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ކެބިނެޓަށް ރާއްޖޭގެ ހަރުމުދާ ވިއްކުމުގެ ވިސްނުން ހުންނަ ބަޔަކު ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަޝީދު ދާދިފަހުން ވަނީ އެމްޑީޕީ ދޫކޮށް ވަޑައިގަތުމާ ގުޅިގެން މާފަށް އެދިވަޑައިގެން އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ރިޔާސީ އިންތިހާބުގެ ދުވަސްވަރު ދަ ޑިމޮކްރެޓްސް އުފައްދަވައި، އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ނަޝީދުގެ ޕާޓީން އޭރުގެ ރައީސް ސޯލިހަށް ތާއީދުކޮށްފައެއް ނުވެއެވެ.





