އެމްޑީޕީގެ އާންމު މެންބަރުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝިދާއި އަދި އެއްވެސް މީހެއްގެ ކައިރިން މާފަށް އެދެންޖެހޭނެ ބައެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ. މީކާއިލް މިހެން ވިދާޅުވީ ހއ. ކެލެއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި އެ ރަށުގެ އާންމު މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި މައްސަލަ ފެންމަތިވީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނަށް ރ. ދުވާފަރަށް ވަޑައިގެން ބޭއްވި ބައްދަލުވުމެއްގައި، ޕާޓީ ދޫކޮށް ވަޑައިގަންނަވަން ޖެހުމުން އެކަމާ މާފަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އެމަނިކުފާނުގެ މުޅި ހަޔާތް ކަމަށާއި، އެމަނިކުފާނު މާފަށް އެދިވަޑައިގަތުމުން ދެން އާންމު މެންބަރުން ވެސް އެމަނިކުފާނުގެ އަރިހުން މާފަށް އެދުމަށް އެދިވަޑައިގަންނަވަން ޖޭޙނެެ ކަމަށެވެ.
ނަޝީދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން މީކާއިލް ވިދާޅުވީ، ނަޝީދު ނޫނީ އެހެން މީހެއްގެ އަރިހުން ވެސް އެމްޑީޕީގެ އާންމު މެންބަރުން މާފަށް އެދެންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި "އެ ބޭފުޅުން އެ ބޭފުޅުންނަށް ހެދީ އެމްޑީޕީގެ އާންމު މެންބަރުން" ކަމަށެވެ. އެހެންކަމުން މެންބަރުން މާފަށް އެދެންޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ ޖޫން 12 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ޕާޓީގެ އެތެރޭގައި ވަނީ ސިޔާސީ ބޮޑެތި ބައިބައިވުންތަކެއް އުފެދިފައެވެ. ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއެކު ރައީސް ނަޝީދު މަސައްކަތް ކުރައްވާއިރު، މީކާއިލްގެ ކެމްޕެއިނުން ފެންނަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުންނެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރާ ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް އިންތިޒާމު ކުރުން ހިމެނެއެވެ.
މީގެ އިތުރުން ޕާޓީގެ ކޮންގުރެސް އާއި ގައުމީ މަޖިލީހުގެ އިތުރުން ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ހުރިހާ ކަމެއްގެ ޒިންމާ އުފުލަންޖެހެނީ ވެސް ޗެއާޕާސަންއަށެވެ. މި އިންތިހާބަކީ ކުރިއަށް އޮތް ތަނުގައި ޕާޓީގެ މިސްރާބު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާނެ އިންތިހާބެކެވެ.




