އައްޑޫ ސިޓީގެ ލިންކްރޯޑު މަރާމާތުކުރުމާއި މަގުތައް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢަށް ބޭނުންވާ ސާމާނު އެ ސިޓީއަށް ފޮނުވާފައިވާ ކަމަށާއި، މަގު ހެދުމަށް ކުރަންޖެހޭ ސާވޭގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ. ދައުލަތުގެ ބަޖެޓުން 829 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ބާރުސްޕީޑުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
އާރްޑީސީން އެކްސްގައި ޕޯސްޓް ކުރިގޮތުގައި، މި މަޝްރޫޢަށް ބޭނުންވާ ބޮޑެތި އުޅަނދުތަކާއި އެހެނިހެން މުހިންމު ސާމާނުތައް މިހާރު ވަނީ އައްޑޫއަށް ފޮނުވާފައެވެ. މިހާރު ކުރިއަށްދަނީ މަގު ފުޅާކޮށް އިތުރު ލޭންތައް ހެދުމަށްޓަކައި މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމާއި، މަގު ކޮށައި އަލިކުރުމުގެ މަސައްކަތްތަކެވެ. މި މަޝްރޫޢު އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 3 އަހަރާއި 11 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ.
މަޝްރޫޢުގެ ދަށުން ކުރިއަށްދާނެ މުހިންމު މަސައްކަތްތައް
- މި މަޝްރޫޢުގެ ދަށުން ޖުމްލަ 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުން ހިމެނެއެވެ. މީގެ ތެރޭގައި ސީޓީބީ މަގުތައް ތާރު އަޅައިގެން ތަރައްޤީ ކުރުމާއި، މިހާރު ހުރި ތާރު މަގުތަކުގެ މަތީގައި އިތުރު ފަށަލައެއް އެޅުމުގެ އިތުރުން، ގައު އަތުރާފައިވާ މަގުތަކުގައި ތާރު އެޅުން ހިމެނެއެވެ. މި މަސައްކަތްތައް ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް މުޅި އައްޑޫ ސިޓީގައި ކުރިއަށްދާނެއެވެ.
- ލިންކް ރޯޑް ތަރައްޤީ ކުރާއިރު، 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި 40 މިލިމީޓަރުގެ ބޯމިނުގެ ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހައިވޭގެ 4 ލޭން ހިމެނޭ ސަރަހައްދުތައް ސާފުކުރުމާއި، ދުވާރު ހެދުމާއި، މަގުމަތީގެ ނިޝާންތައް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކަމަށް އާރްޑީސީން ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑަކީ 2003 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ މަގަކަށްވާއިރު، މަގުގެ ފެންވަރު ދަށްވުމުގެ ސަބަބުން ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގައި، ފުރާނައަށް ނުރައްކާވާ ފަދަ ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފައެވެ. އާރްޑީސީގެ އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން މި މަޝްރޫޢު ނިންމާލައި، ރައްޔިތުންނަށް ރައްކާތެރި އަދި ފެންވަރު ރަނގަޅު މަގުތަކެއް ފޯރުކޮށްދިނުމެވެ.





