ޑެންމާކުގެ ގައުމީ ޓީމާއި ސްކޮޓްލޭންޑްގެ ސެލްޓިކްގެ ކާމިޔާބު ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް، އޭނާގެ ކޮނޑަށް ލިބުނު ސީރިއަސް އަނިޔާއަކުން ރަނގަޅު ނުވުމުގެ ސަބަބުން ފުޓްބޯޅަ ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
އުމުރުން 39 އަހަރުގެ ޝޫމައިކަލްއަށް މި އަނިޔާ ލިބުނީ 2025 ވަނަ އަހަރުގެ މާޗް މަހު ޔޫއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ބަދަލުތައް ހަމަވެފައި އޮތުމުން، އަނިޔާގައި ހުރެގެންވެސް އޭނާ ވަނީ ކުޅުން ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ޔޫރޮޕާ ލީގުގައި ސްޓުޓްގާޓާ ދެކޮޅަށް ކުޅުނު މެޗުގައި މި އަނިޔާ ވަނީ އިތުރަށް ގޯސްވެފައެވެ.
ޑެންމާކުގެ ޓީވީ2 އަށް ދިން އިންޓަވިއުއެއްގައި ޝޫމައިކަލް ބުނީ، އަންނަ ޖޫން މަހު ސެލްޓިކާއެކު އޮތް ކޮންޓްރެކްޓް ހަމަވުމުން ކެރިއަރު ނިންމާލާނެ ކަމަށެވެ. "މިއީ އަހަރެންގެ މައްޗަށް މަޖުބޫރުވި ނިންމުމެއް. ކޮނޑުގެ އަނިޔާއާ ގުޅިގެން ގިނަ ތަޖުރިބާކާރުންނާއި ސާޖަނުންގެ ލަފާ ހޯދުމުން އެނގުނީ އަލުން ކުޅުމަށް އެނބުރި އައުމަކީ ވުން ދުރުކަމެއް ކަން،" ޝޫމައިކަލް ކިޔައިދިނެވެ.
ޝޫމައިކަލް ވަނީ ޑެންމާކުގެ ގައުމީ ޓީމަށް 120 މެޗު ކުޅެދީ، 2018 އަދި 2022 ގެ ވޯލްޑް ކަޕްގެ އިތުރުން 2020 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލަށް އެ ގައުމު ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވެނީ ލެސްޓާ ސިޓީއާއެކު 2015-2016 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުމާއި 2021 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރުމެވެ.
މެންޗެސްޓާ ސިޓީން ކެރިއަރު ފެށި ޝޫމައިކަލް ވަނީ ފްރާންސްގެ ނީސް އަދި ބެލްޖިއަމްގެ އެންޑަލެކްޓަށްވެސް ކުޅެފައެވެ. ސެލްޓިކްގައި ހޭދަކުރި ފަހު ސީޒަނުގައި އޭނާ ވަނީ 39 މެޗު ކުޅެ، އެ ޓީމަށް ސްކޮޓިޝް ލީގާއި ލީގު ކަޕް ކާމިޔާބުކޮށްދިނުމަށް އެހީތެރިވެދީފައެވެ.
އޭނާގެ ވަދާއީ ބަަަހުގައި ބުނީ، ކޮންމެ ކުޅުންތެރިއަކުވެސް ބޭނުންވާނީ ދަނޑުމަތީގައި ހުރެ ކެރިއަރު ނިންމާލަން ކަމަށާއި، ނަމަވެސް ކަންތައްތައް އަބަދު އެދޭގޮތަށް ނުދާ ކަމަށެވެ. އެހެންނަމަވެސް، ފުޓްބޯޅައިގައި ހޯދުނު ކާމިޔާބީތަކާއި ލިބުނު ތަޖުރިބާތަކާ މެދު އުފާކުރާ ކަމަށް އޭނާ ބުންޏެވެ

