ފޮޓޯ: އެވިއޭޓާރޒް މޯލްޑިވްސް
ފޮޓޯ: އެވިއޭޓާރޒް މޯލްޑިވްސް

އަހަރެއްގެ ތެރޭގައި ހައްޖާއި އުމްރާއަށް މޯލްޑިވިއަނުން 26 ފްލައިޓް އޮޕަރޭޓްކޮށްފި

ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހައްޖާއި އުމްރާގެ އަޅުކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން 26 ފްލައިޓް އޮޕަރޭޓްކޮށް 6،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން މިއަހަރުގެ މޭ މަހާ ހަމައަށް ހައްޖާއި އުމްރާއަށް މީހުން ގެންދިއުމަށް ކުރި ދަތުރުތަކުގައި ޖުމްލަ 6،073 ފަސިންޖަރުންނަށް ވަނީ ހިދުމަތް ދީފައެވެ. މިއީ ރާއްޖޭގެ ގައުމީ އެއާލައިނުން ހައްޖުވެރިންނަށް ފޯރުކޮށްދޭ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހޯދިފައިވާ ކުރިއެރުމެކެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޭ330 މަތިންދާބޯޓުގައި ދިވެހި ހައްޖުވެރިން އުފުލުމަށް ހައްޖު ކޯޕަރޭޝަނާއި އައިލެންޑް އޭވިއޭޝަންއާއެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހި ހައްޖުވެރިންނަށް ލުއިފަސޭހަކަމާއެކު ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެއެވެ. މި ހައްޖުވެރިން މައްކާއަށް ގެންދިއުމަށް ގައުމީ އެއާލައިނުގެ ދެ ފްލައިޓް މިފަހަރު ބޭނުންކޮށްފައިވާކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ހައްޖު ކޯޕަރޭޝަނުން ކުރިން ބުނެފައިވާ ގޮތުގައި، މި ފަހަރު ދިވެހި ހައްޖުވެރިން ސައުދީ އަރަބިއްޔާގައި ޖުމްލަ 22 ދުވަހު މަޑުކުރާނެއެވެ. ހައްޖުގެ އަޅުކަން ނިންމުމަށްފަހު ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ފުރަން ފަށާނީ އަންނަ މަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ.

ހިއްސާ ކުރައްވާ!