ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އެބޯލާ ވައިރަސް ޔުގެންޑާއަށް ފެތުރުން ހުއްޓުވުމަށްޓަކައި، އެ ގައުމުން ކޮންގޯއާ ގުޅޭ ބޯޑަރު ބަންދުކުރުމަށް ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ކޮންގޯއިން ޔުގެންޑާއަށް އައި ބަލިމީހުންގެ ފަރާތުން އެ ގައުމުގެ ސިއްހީ އެހީތެރިންނަށް ބަލި ޖެހިފައިވާކަން ކަށަވަރުވުމާ ގުޅިގެންނެވެ.
ޔުގެންޑާގެ ހެލްތު މިނިސްޓްރީގެ ޑރ. ދިއާނާ އަތުވީން ވިދާޅުވި ގޮތުގައި، ދެން ބޯޑަރު ހުރަސްކުރެވޭނީ ހަމައެކަނި ކުއްލި ހާލަތްތަކުގައާއި، މުދާ އުފުލުމަށާއި، ސަލާމަތީ ކަންކަމުގައެވެ. އަދި ކުއްލި ހާލަތެއްގައި ބޯޑަރު ހުރަސްކުރާ ކޮންމެ މީހަކުވެސް 21 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހޭނެއެވެ.
މިފަހަރު ފެތުރެމުންދަނީ އިބޯލާގެ ނާދިރު ބާވަތެއް ކަމަށްވާ 'ބޮންޑިބުގްޔޯ' އެވެ. މި ބާވަތަށް މިހާތަނަށް އެއްވެސް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ބޯޑަރު ބަންދުނުކުރުމަށް އިރުޝާދު ދީފައިވީ ނަމަވެސް، ޔުގެންޑާއިން ވަނީ ބަލި ފެތުރުން ހުއްޓުވުމަށް މި ފިޔަވަޅު އަޅާފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮންގޯގައި މިހާތަނަށް 121 މީހަކަށް ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާއިރު، 1077 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވެއެވެ. މި ބަލީގައި ކޮންގޯއިން 220 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ޔުގެންޑާގައި މިހާތަނަށް 7 މީހަކަށް ބަލި ޖެހިފައިވާއިރު، އެކަކު ވަނީ މަރުވެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނާ ގޮތުގައި ބޯޑަރު ބަންދުކުރުމުން މީހުން ސިއްރު މަގުތަކުން ބޯޑަރު ހުރަސްކުރަން ފަށާނެއެވެ. މީގެ ސަބަބުން ބަލިމީހުން ދެނެގަތުމަށް ހުރަސް އެޅި، ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. "ބޯޑަރު ބަންދުކުރުމުން މީހުންނާއި މުދާ އުފުލުމަށް ރަސްމީ ނޫން މަގުތައް ބޭނުންކުރަން މަޖުބޫރުވޭ،" އެ ޖަމްއިއްޔާއިން ހާމަކޮށްފައިވެއެވެ.
އެބޯލާ އަކީ ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ ދިޔަވަރެއްގެ ސީދާ މުާމަލާތުން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. ކޮންގޯއާއި ޔުގެންޑާގެ ބޯޑަރަކީ އެތައް ސަތޭކަ މޭލަކަށް ދެމިގެންވާ، އަދި ދުވާލަކު އެތައް ހާސް ބަޔަކު ވިޔަފާރިއާއި އާއިލީ ބޭނުންތަކަށް ހުރަސްކުރާ ސަރަހައްދެކެވެ.



