ޤައުމު ގޮވައިލި ކޮންމެ ވަގުތަކު ސްކައުޓުންވީ ޤުރުބާނީއާއި، މުޤާބިލުގައި އެއްވެސް އުޖޫރައެއް ބަދަލެއް ހޯދުމެއްނެތި ދަރުމައަށް ކޮށްދެމުންދާ ގިނަގުނަ ޚިދުމަތުގެ އަގު ވަޒަންކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ރާއްޖޭގައި ސްކައުޓް ހަރަކާތް ތަރައްޤީ ކުރައްވައި، ކުރިއަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރެއްވި އަދި މިހާރުވެސް އެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ އެންމެހައި ބޭފުޅުންގެ މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރައްވައި، އެ ބޭފުޅުންނަށް އިޚުލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. ސްކައުޓް ހަރަކާތަކީ ނަފްސު އިސްލާހުކުރުމާއި، ރިވެތި އަޚްލާޤުގެ ބިންގަލުގެ މަތީގައި އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޒިންމާދާރު ޖީލެއް ބިނާކުރާ ޢަމަލީ ތަރުބިއްޔަތުގެ މައިދާނެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ޤައުމީ ހަޔާތުގައި ކުރިމަތިވި ކޮންމެ ބޮޑު ކާރިސާއެއްގައި، އަދި ޤައުމަށް ދިމާވި ކޮންމެ ނުރައްކާތެރި ދަނޑިވަޅެއްގައި ޚާއްޞަކޮށް 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު މުޅި ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ނުރައްކާތެރި ބިރުވެރި ކާރިސާއިންވެސް، އެއްވެސް ޖެހިލުމެއްނެތި ޤައުމީ ކަންކަމުގައި އަބަދުވެސް ތައްޔާރަށް ތިބޭނޭ އެއްބަޔަކީ، އަޅުގަނޑުމެންގެ ލޮބުވެތި ސްކައުޓުންކަން ވަނީ ސާބިތުކޮށްދީފައެވެ،". ރައީސް
އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމެއް
ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ މެދުގައި އޮންނަ ޖޯގުރަފީ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރަކީ ސްކައުޓް ހަރަކާތްކަމަށް ރައީސް ވިދާޅުވިއެވެ. ކޮންމެ ސްކައުޓެއްގެ ކިބައިން ފެންނަ ހިތްވަރާއި، ޢަޒުމާއި، އެކަކުއަނެކަކަށް އެހީތެރިވުމުގެ މާތް ސިފައަކީ ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ އިޙްތިރާމް ކުރުމާއި އުސޫލުތަކަށް ތަބާވުމުގެ ރީތި މިސާލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤައުމީ ހަޔާތުގައި ކުރިމަތިވި ބޮޑެތި ކާރިސާތަކުގައި ސްކައުޓުންގެ ދައުރު ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، "އަޅުގަނޑުމެންގެ ޤައުމީ ހަޔާތުގައި ކުރިމަތިވި ކޮންމެ ބޮޑު ކާރިސާއެއްގައި، އަދި ޤައުމަށް ދިމާވި ކޮންމެ ނުރައްކާތެރި ދަނޑިވަޅެއްގައި ޚާއްޞަކޮށް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައިވެސް، އެއްވެސް ޖެހިލުމެއްނެތި ޤައުމީ ކަންކަމުގައި އަބަދުވެސް ތައްޔާރަށް ތިބޭނޭ އެއްބަޔަކީ، އަޅުގަނޑުމެންގެ ލޮބުވެތި ސްކައުޓުންކަން ވަނީ ސާބިތުކޮށްދީފައެވެ."
ޒާތީ ތަޖުރިބާއާއި މުސްތަޤުބަލު
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ތަޢުލީމީ ހަޔާތްޕުޅުގައި ސްކައުޓް ހަރަކާތުން ލިބުނު ފިލާވަޅުތަކުގެ ހަނދާންތައްވެސް އައު ކުރައްވާފައެވެ. ކަބް ސްކައުޓް މޮޓޯ "ޑޫ ޔުއަރ ބެސްޓް" އަދި ސްކައުޓް މޮޓޯ "ބީ ޕްރިޕެއަރޑް" އަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި މަގުދައްކައިދިން ތަޖުރިބާތަކެއްކަމަށް ވިދާޅުވެ، މިފަދަ ހަރަކާތްތައް އޭގެ އަސްލާ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ރާއްޖޭގެ ސްކައޓް ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
"އަޅުގަނޑުގެވެސް ތަޢުލީމީ ހަޔާތުގައި ސްކައުޓް ހަރަކާތުން ލިބުނު ހުނަރާއި ތަޖުރިބާއަކީ، އަޅުގަނޑު އެޅި ކޮންމެ ފިޔަވަޅެއްގައި އަޅުގަނޑަށް މަގު ދައްކައިދިން ކަންކަމެވެ. އެއީ، ކަބް ސްކައުޓް މޮޓޯގައި ބުނާ " ޑޫ ޔުއަރ ބެސްޓް" އަދި ސްކައުޓް މޮޓޯގައި ބުނާ "ބީ ޕްރިޕެއަރޑް" ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އަށަގެނުވި ތަޖުރިބާތަކެކެވެ. އެއީ، އެފަދަ ތަޖުރިބާތަކަކަށް އަޅުގަނޑުމެންގެ ޒުވާނުން ބޭނުންވެފައިވާ ތަޖުރިބާ ތަކެއްކަން އަޅުގަނޑަށް ޔަޤީނެވެ. އެހެންކަމުން، ސްކައުޓް ހަރަކާތްފަދަ ހަރަކާތްތަކަކީ، އޭގެ ގޮތުގައި އޭގެ އަޞްލާ އެއްގޮތަށް ކުރިއަށް ގެންދެވޭ ހަރަކާތްތަކެއްކަން ކަށަވަރު ކުރުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމާމެދު އަޅުގަނޑުގެ ހިތުގައި ޝައްކެއްނެތެވެ،". ރައީސް




