ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ހައްޔަރުކޮށްފާނެ ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ގަދަވެފައިވަނިކޮށް، އެކަމާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވާހަކަދައްކަވައިފިއެވެ.
"ވިރާސީ" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ، ނާޒިމް ހައްޔަރުކޮށްފާނެކަން ނުވަތަ ނޫންކަން އޭނާއަށް ވިދާޅުވަން އެނގިވަޑައިނުގަންނަވާ ކަމަށާއި، އެކަން އެންމެ ސާފުކޮށް ވިދާޅުވެދެއްވޭނީ ފުލުހުންނަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުމުގެ މައްސަލަ، މި މަހުގެ 31 ވާ އާދިއްތަ ދުވަހުގެ ޖަލްސާއަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. ނާޒިމަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް މޭ 29 ވީ ހުކުރު ދުވަހަށް ހަމަވެފައި ވެއެވެ. މި މައްސަލަ ނިންމުމަށްޓަކައި ޗުއްޓީއަށް ދާން އޮތް މަޖިލީހުގެ ދައުރު ވަނީ މި މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ވެރިކަންކުރާ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މި މައްސަލަ ފާސްވާނީ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މި ޖަލްސާއަށް ހާޒިރުވުމަށްޓަކައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން މާލޭގައި މަޑުކުރުމަށް މިހާރު ވަނީ އަންގާފައެވެ.
މި މައްސަލަ އެޖެންޑާކޮށްފައިވާއިރު، ނާޒިމް އަދިވެސް ހުންނެވީ މެލޭޝިއާގައި ކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން މާދަމާގެ ޖަލްސާގައި އޭނާއަށް ޖަވާބުދާރީވެވޭނެ ކަމާމެދު ސުވާލު އުފެދިފައިވީ ނަމަވެސް، ފަތިހުގެ ވަގުތެއްގައި ނާޒިމް ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
މުންދު ވިދާޅުވީ ނާޒިމް މަގާމުން ވަކިކުރަނީ ޕާޓީގެ މަސްލަހަތާއި ފައިދާއާ ޚިލާފު ކަންކަމަށް އޭނާގެ ޝައުގުވެރިކަން ހުންނާތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މަޖިލިސް މެންބަރުކަމުން ވަކިކުރުމުގެ މަޝްވަރާއެއް ހިނގާކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. މުންދު ވަނީ ނާޒިމާއެކު އޮތް ގާތް ގުޅުން އަދިވެސް ދެމިއޮތްކަން ފާހަގަކުރައްވާފައެވެ.
ޕީއެންސީގެ އިސް ބޭފުޅަކު ހާމަކުރެއްވި ގޮތުގައި މި މައްސަލަ ހުށަހެޅީ ނާޒިމް އަމިއްލައަށް އިސްތިއުފާ ދެއްވުމަށް އިންކާރު ކުރެއްވުމުންނެވެ. އަދި ނާޒިމް ޕާޓީގެ 23 މެންބަރަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ސިއްރިއްޔާތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޕީއެންސީގެ ބައެއް މެންބަރުން ތުހުމަތުކުރެއެވެ.
މި ދަނޑިވަޅުގައި، މި އަހަރު ނިމުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ފާސްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. މިކަމަކީ ސިޔާސީ މަސްރަހު އިތުރަށް ހަލަބޮލިވާނެ ކަމެކެވެ. އެހެންކަމުން އާދިއްތަ ދުވަހުގެ ޖަލްސާއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެއެވެ.




