އެސްއޯއީތަކުން ދައުލަތަށް ލިބުނު ފައިދާ 36 އިންސައްތަ ދަށްވެ، 160 މިލިއަން ރުފިޔާ ލިބިއްޖެ

މި އަހަރުގެ މިހާތަނަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީތަކުން) ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި 160 މިލިއަން ރުފިޔާ ލިބިއްޖެއެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 36% ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްއޯއީތަކުގެ ފައިދާއިން ދައުލަތަށް 258 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ޑިވިޑެންޑުން ލިބޭ އާމްދަނީ ދަށްވާ މައިގަނޑު އެއް ސަބަބަކީ، ކުންފުނިތަކުގެ ފައިދާ ދަށްވުމެވެ.

މި އަހަރުގެ ބަޖެޓުގައި ޑިވިޑެންޑުން ދައުލަތަށް 552 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފައިވެއެވެ. އެހެންކަމުން، ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުގެ މިހާތަނަށް ލިބިފައިވަނީ އެންމެ 30% އެވެ. އަދި 2024 ވަނަ އަހަރާ އަޅާބަލާއިރު، އެ އަދަދު މިވަނީ 70 އިންސައްތަ ދަށްވެފައެވެ.

ޑިވިޑެންޑާއި އެހެނިހެން ގޮތްގޮތުން ދައުލަތަށް ފައިދާ އާއި އިންޓްރެސްޓްގެ ގޮތުގައި 769 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރު ލަފާކުރި އަދަދަށްވުރެ 7 އިންސައްތަ ދަށް އަދަދެކެވެ.

މިދިޔަ އަހަރު ޑިވިޑެންޑާއި ފައިދާތަކުން ދައުލަތަށް 823 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ކުރީ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އެސްއޯއީތަކުން ދައުލަތަށް ވަންނަ އާމްދަނީއަށް އައިސްފައިވާ ވަރަށް ބޮޑު ވެއްޓުމެކެވެ.

ޑިވިޑެންޑް ލިބޭނެ ކަމަށް ލަފާކުރާ ކުންފުނިތައް

ދައުލަތުގައި ސަރުކާރު ހިއްސާވާ 30 ކުންފުނި އޮތް ނަމަވެސް، ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް މި އަހަރު އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ އެންމެ 6 ކުންފުނިންނެވެ.

ބަޖެޓުގައި ޑިވިޑެންޑް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ މިންވަރު:

ކުންފުނި ލަފާކުރާ ޑިވިޑެންޑް (މިލިއަން ރުފިޔާ)
ދިރާގު 262
ބީއެމްއެލް (BML) 154
އެމްއޭސީއެލް (MACL) 50
އެމްޑަބްލިއުއެސްސީ (MWSC) 30
އެޗްޑީސީ (HDC) 20
އެމްޕީއެލް (MPL) 12

މިދިޔަ އަހަރު އެސްއޯއީތަކުން ޑިވިޑެންޑްގެ ގޮތުގައި އާމްދަނީ ލިބިފައިވަނީ ހަމައެކަނި ދިރާގާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކަންޏެވެ.

ހިއްސާ ކުރައްވާ!