ސައޫދީ އަރަބިއްޔާގެ ދާޚިލީ ވަޒީރު އަދި ހައްޖު ކޮމިޓީގެ މުގައްރިރު ޕްރިންސް ޢަބްދުލްޢަޒީޒް ބިން ސައުދު ބިން ނާއިފް ވިދާޅުވީ، 2026 ވަނަ އަހަރުގެ ޙައްޖު މޫސުމުގެ ސަލާމަތީ ކަންކަން އޮތީ ވަރަށް އަމާންކޮށް ކަމަށާއި، ޙައްޖުގެ އަޅުކަމަށް ބުރޫއަރާފަދަ ނުވަތަ ޙައްޖުވެރިންގެ ރައްކާތެރިކަމަށް ލޮޅުމެއް އަރާފަދަ އެއްވެސް ހާދިސާއެއް ހިނގާފައިނުވާ ކަމަށެވެ. އަމީރު މިކަން ނިސްބަތްކުރެއްވީ ޙައްޖުވެރިންގެ ފުރިހަމަ އަދަބުވެރިކަމަށާއި، ކަމާބެހޭ އިދާރާތަކުން ޙައްޖުވެރިންގެ ހާލަތާއި، ހަރަކާތްތަކާއި، އަދި ތިބޭ ތަންތަން ވަރަށް ގާތުން ބަލައި މޮނިޓަރު ކުރަމުންދިއުމަށެވެ.
ދާޚިލީ ވަޒީރު މިހެން ވިދާޅުވީ، އަޟްޙާ ޢީދުގެ މުނާސަބަތާއި ޙައްޖުގެ އަޅުކަން ކާމިޔާބުކަމާއެކު ނިމުމާ ގުޅިގެން، ދެ ހަރަމްފުޅުގެ ޚާދިމް ކިންގް ސަލްމާން އަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އަށް ފޮނުއްވި ތަހުނިޔާގެ މެސެޖުތަކުގައެވެ. ވަކިވަކިން ފޮނުއްވި މި މެސެޖުތަކުގައި ޕްރިންސް ޢަބްދުލްޢަޒީޒް ވަނީ ޙައްޖުގެ ކާމިޔާބީއަށްޓަކައި ކިންގް ސަލްމާން އަށާއި ވަލީއަހުދަށް މަރުޙަބާ ދަންނަވާފައެވެ. އަދި މި ސަރަހައްދަށް ކުރިމަތިވެފައިވާ ސިޔާސީ އަދި އިގްތިސާދީ ހާލަތްތަކާއި، އޭގެ ސަބަބުން ޙައްޖުވެރިންގެ ދަތުރުފަތުރަށް ކުރާ އަސަރުތަކާއެކުވެސް، ޙައްޖު މޫސުމުގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ލީޑަޝިޕުން ދެއްކެވި ހިކުމަތްތެރިކަމާއި ގާބިލުކަމަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިއަހަރު 1,707,301 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރިއެވެ.
"މިއަހަރުގެ ސަލާމަތީ އަދި އިންތިޒާމީ ޕްލޭންތަކަށް ހުރިހާ ގޮތަކުންވެސް ފުރިހަމަ ކާމިޔާބީއެއް ލިބިފައިވޭ. މިއީ ސައޫދީ އަރަބިއްޔާގެ އިންސާނީ، އުމްރާނީ އަދި ޓެކްނޮލޮޖީގެ ވަސީލަތްތައް ފުރިހަމައަށް ބޭނުންކުރުމުގެ ނަތީޖާ،" ދެ ހަރަމްފުޅަށް ހިދުމަތް ކުރުމަކީ ދައުލަތުގެ 300 އަހަރުވީ ތާރީޚުގައި މޫލާފައިވާ ގައުމީ އެންމެ ބޮޑު އިސްކަމެއްކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވިއެވެ.
ޕްރިންސް ޢަބްދުލްޢަޒީޒް ވަނީ ކުރިއަށް އޮތް 2027 ގެ މޫސުމަށްޓަކައި ދުރާލާ ވާންޖެހޭ ތައްޔާރީތައް ވަގުތުން ފެށުމަށް އިރުޝާދު ދެއްވާފައެވެ.







