ގައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ބޭނުންކުރަމުންދާ ޑޭޝް-8 މަރުކާގެ ބޯޓުތައް އައުކުރުމުގެ މަޝްރޫޢުގެ ދަށުން، އިތުރު ދެ އޭޓީއާރު މަތިންދާ ބޯޓު ގެނައުމަށް އޯޑަރު ދީފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިޔާސް ވިދާޅުވީ، ޑޭޝް-8 ބޯޓުތައް އޭޓީއާރަށް ބަދަލުކުރުމުގެ އޮޕަރޭޝަން އެކުންފުނިން ފަށާފައިވަނީ 2022 ވަނަ އަހަރު ކަމަށެވެ.
އާ ފްލީޓް ޒަމާނީ ކުރުމުގެ މަޝްރޫޢުގެ ދަށުން އޯޑަރު ދީފައިވާ ދެ ބޯޓު ލިބޭނެ ކަމަށް ލަފާކުރަނީ:
- ފުރަތަމަ ބޯޓު: މިއަހަރުގެ ފަހުކޮޅު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
- ދެވަނަ ބޯޓު: އަންނަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޑޭޝް-8 ބޯޓުތައް ފޭސް-އައުޓް ކުރަންޖެހޭ ސަބަބު
މިހާރު ބޭނުންކުރާ ޑޭޝް-8 ބޯޓުތަކަކީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުން އަންނަ، ގިނަ ދުވަސްވުމުގެ ސަބަބުން ބާވެފައިވާ ބޯޓުތަކެކެވެ. މީގެ ސަބަބުން މަރާމާތަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ.
"އަޅުގަނޑުމެން މިހާރު މި ބޭނުންކުރަމުންދާ ޑޭޝް 8 ބޯޓުތަކަކީ، މިއީ ވަރަށް އޭޖް ވެފަ ހުރި ބޯޓުތަކެއް. އެހެންމެ މިހާރު އަޅުގަނޑުމެން މި ބޭނުންކުރަމުންދާ ބޯޓުގެ އޭޖް މިވަނީ 25 އަހަރަށްވުރެ މައްޗަށް ގޮސްފައި. އަދި މި މަރުކާގެ މަތިންދާބޯޓު ގާތްގަނޑަކަށް 2009 ނوވަތަ 2010 ވަނަ އަހަރު މިވަނީ އިތުރަށް މެނުފެކްޗަރ ކުރުން ހوއްޓާލާފައި. އެހެންވުމުގެ ސަބަބުން އަދި މި ބޯޓުތައް އޭޖްވުމުގެ ސަބަބުން އަޅުގަނޑުމެންނަށް މި ބޯޓުތަކުގެ މެއިންޓެނެންސަށް ވަރަށް ބޮޑު ޚަރަދެއް އެބަ ކުރަންޖެހޭ." އެމްޑީ އިބްރާހީމް އިޔާސް
އިޔާސް ވިދާޅުވީ މިހާރުވެސް އޭޓީއާރުގެ 5 ބޯޓު އޮޕަރޭޝަންގައި ބޭނުންކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން އެންމެ ފަހުން ގެނައި ބޯޓަކީ މުޅިން އައު ބޯޓެއް ކަމަށެވެ.
މޯލްޑިވިއަންގެ މިހާރުގެ ފްލީޓް (ޖުމްލަ 27 ބޯޓު)
- ވައިޑް-ބޮޑީ އެއަރބަސް އޭ330: 1 ބޯޓު
- ނެރޯ-ބޮޑީ އެއަރބަސް އޭ320: 1 ބޯޓު
- އޭޓީއާރު (ATR): 5 ބޯޓު
- ޑޭޝް-8: 9 ބޯޓު
- ޑޭޝް-6 ޓްވިންއޮޓާރ: 11 ސީޕްލޭން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ޤައުމީ އެއަރލައިންގެ ޚިދުމަތް ފުޅާކޮށް ބައިނަލްއަޤްވާމީ އައު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން، ފްލީޓަށް އިތުރުކުރާ ވައިޑް-ބޮޑީ މަތިންދާބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެ ގެނައުމަށްޓަކައި އައިލެންޑް އޭވިއޭޝަނުން މިހާރު ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.





