އުތުރު ކޮރެއާއިން އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން އަމިއްލައަށް އަމާޒު ހޯދައި ހަމަލާދޭ ޒަމާނީ މިސައިލްތަކަކާއި ރޮކެޓް ސިސްޓަމްތަކެއް ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައިވާ ކަމަށް އެ ޤައުމުން ރަސްމީކޮށް އިޢުލާންކޮށްފިއެވެ. މިއީ އެ ޤައުމުގެ އަސްކަރީ ހަތިޔާރުތައް ތަރައްޤީކުރުމުގައި އޭއައި ޓެކްނޮލޮޖީ ރަސްމީކޮށް ބޭނުންކުރަން ފެށިކަން ހާމަކުރި ފުރަތަމަ ފަހަރެވެ.
އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ހާމަކުރި ގޮތުގައި، އެ ޤައުމުގެ ލީޑަރު ކިމް ޖޮންގ އުން ގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދިޔަ މި ޓެސްޓްތަކުގައި ބޭނުންކުރި މިސައިލްތަކަކީ، އޭއައި ސިސްޓަމްތައް ބޭނުންކޮށްގެން ހަމަލާދޭންވީ އަމާޒުތައް އަމިއްލައަށް ދެނެގަނެ، ދުޝްމަނުންގެ ދިފާޢީ ނިޒާމުތަކަށް އޮޅުވާލުމަށްފަހު އަމާޒާށް ވާސިލްވުމުގެ ޤާބިލުކަން ލިބިގެންވާ ހަތިޔާރުތަކެކެވެ. އަދި މި ޓެކްނޮލޮޖީގެ ސަބަބުން ހަމަލާތަކުގެ ގެއްލުމާއި އަމާޒު އެތައް ގުނައެއް މަތިވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ދެކުނު ކޮރެއާއާއި އެމެރިކާގެ އަސްކަރީ މާހިރުން ދަނީ މިކަން ވަރަށް ގާތުން ދިރާސާކުރަމުންނެވެ. ބައެއް މާހިރުން ވިދާޅުވާ ގޮތުގައި، އުތުރު ކޮރެއާއިން މިފަދަ ޒަމާނީ ނިޒާމެއް ބޭނުންކުރަން ފެށުމަކީ ސަރަޙައްދީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. ސަބަބަކީ އޭއައި ބޭނުންކޮށްގެން ފޮނުވާލާ މިސައިލްތައް ދިފާޢުކުރުމަކީ މިހާރު ހުރި ރޭޑާރު ނިޒާމުތަކަށް މާ ބޮޑަށް އުނދަގޫ ކަމަކަށް ވާނެތީއެވެ.
ނަމަވެސް، އަސްކަރީ ބައެއް އެހެން ދިރާސާވެރިން ލަފާކުރާ ގޮތުގައި އުތުރު ކޮރެއާއިން އޭއައި ޓެކްނޮލޮޖީގައި ހޯދާފައިވާ ކުރިއެރުންތަކުގެ ވާހަކަ ދައްކަނީ އެ ޤައުމުގެ ބާރުގަދަކަން ދުނިޔެއަށް ދެއްކުމުގެ ގޮތުން ކުޑަކޮށް ބޮޑުކޮށްލައިގެންނެވެ. އެހެންނަމަވެސް، ބައިނަލްއަޤްވާމީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް، އުތުރު ކޮރެއާއިން ހައި-ޓެކް ހަތިޔާރު އުފެއްދުމަށް ކުރާ މަސައްކަތް ހުއްޓާނުލާކަމށް ވެއެވެ.






