ފޮޓޯ: ޕީއެސްއެމް
ފޮޓޯ: ޕީއެސްއެމް

ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 3 ވަނަ ބެޗުގެ ތަމްރީނުތައް ނިންމާލައިފި

ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން މެރިއޮޓް އިންޓަރނޭޝަނަލްއާ ގުޅިގެން ކުރިއަށްގެންދިޔަ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތިންވަނަ ބެޗުގެ ތަމްރީނުތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޒުވާނުންނަށް ބޭނުންވާ ޢަމަލީ ހުނަރު ދިނުމަށް ހިންގި މި ޕްރޮގްރާމްގެ މިފަހަރުގެ ބެޗުގައި 73 ޒުވާނުން ތަމްރީނު ފުރިހަމަކުރިއެވެ.

ޝެރަޓަން މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޕްރޮގްރާމް ނިންމި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލުއެވެ. ޠަލާލު ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމަށްވާއިރު، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ވަޒީފާނެތް ޒުވާނުންގެ ނިސްބަތް މަދުވެ، ހުނަރުވެރި ބަޔަކު ވަޒީފާގެ ބާޒާރަށް ނުކުންނާނެ ކަމަށެވެ. މިހާތަނަށް 100 އަށްވުރެ ގިނަ ޒުވާނުން ތަމްރީނު ނިންމާފައިވާއިރު، އޭގެ ތެރެއިން 71 ޒުވާނަކަށް މެރިއޮޓްގެ ރިސޯޓުތަކުން ވަޒީފާ ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ 10 މަސްދުވަހުގެ ތެރޭގައި ކުރިއަށްގެންދިޔަ މި ތަމްރީނު ފުރިހަމަކުރި ޒުވާނުންނަށް އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 3 ގެ ސެޓްފިކެޓް ވަނީ ދީފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފަތުރުވެރިކަން، ދަތުރުފަތުރު، ޢިމާރާތްކުރުން، އިޖުތިމާޢީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަން އަދި ފަންނިއްޔާތު ހިމެނޭހެން ޖުމްލަ 6 ދާއިރާއަކުން، މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށެވެ.

ހިއްސާ ކުރައްވާ!