ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުން: މިހާރު ކުރިއަށްދާ ސެގްމަންޓުތަކުގެ ނަރުދަމާ ނިމިއްޖެ

މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު މަސައްކަތް ކުރަމުން އަންނަ ސެގްމަންޓުތަކުގެ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ ސެގްމަންޓު 2، 3 އަދި 4 ގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުގެ ފުރަތަމަ ސެގްމަންޓުގައި ހިމެނޭ ލޯކަލް މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މިހާރު ވަނީ ތަރައްޤީކޮށް ނިންމާފައެވެ. މިހާރު ކުރިއަށްދާ ސެގްމަންޓުތަކުގައި ޕޭމަންޓު ހެދުމާއި، ޔުޓިލިޓީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި ފެނުގެ ހޮޅިތަކާއި މުވާސަލާތީ ކޭބަލްތައް ވަޅުލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެމްޓީސީސީން ބުނީ މިހަފްތާގެ ތެރޭގައި އެއްގަމު ތޮށީގެ 130 މީޓަރުގެ ސަރަޙައްދެއްގެ ކެޕިންގ މަސައްކަތް ނިމުމުން، މި 3 ސެގްމަންޓުގެ 75 އިންސައްތަ މަސައްކަތް ނިމޭނެކަމަށެވެ. އަދި ފެންހިންދުމަށް ޤާއިމުކުރާ ސްޓޯމްވޯޓަރ ޕަމްޕް ސްޓޭޝަނުގެ މަސައްކަތް މިމަހުގެ ދެވަނަ ހަފްތާގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

މި މަގުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތެއް މި މަހުގެ ނިޔަލަށް ނިންމާލުމަށް އެމްޓީސީސީން ދަނީ ބާރު ދުވެއްޔެއްގައި މަސައްކަތް ކުރަމުންނެވެ. މަގުގެ މަސައްކަތް އެއްކޮށް ނިމޭއިރު، ބޭންކް އޮފް ސިލޯން ކުރިމަތިން ބަނދަރުން ބައެއް ހިއްކައިގެން 580 އެއްހާ ސައިކަލު ޕާކުކުރެވޭނެ ބޮޑު ޕާކިންގއެއް ތަރައްޤީކުރާނެއެވެ. މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ލޯކަލް މާރުކެޓުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށެވެ.

ހިއްސާ ކުރައްވާ!