މާލޭގައި ހަދާ ދެވަނަ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ތަރައްޤީ ކުރުމަށްޓަކައި ދަމަނަވެށި ވަގުތީގޮތުން ބަންދުކޮށް، އެތަނުން ދެމުން އައި ޚިދުމަތްތައް މާފަންނު އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރަށް ބަދަލުކޮށްފިއެވެ. މާލޭގެ އިތުރުން ހުޅުމާލެއިންވެސް މި ޚިދުމަތްތައް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވި ގޮތުގައި، ދަމަނަވެށިން ދެމުން އައި ޚިދުމަތްތައް ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމް ކޮށްފައިވާ ޕަބްލިކް ހެލްތު ޔުނިޓުންނާއި، ފޭސް 2 ގެ 16 ވަނަ ޓަވަރުގައި ޤާޢިމްކޮށްފައިވާ ޖީޕީ ކްލިނިކް މެދުވެރިކޮށް ލިބޭނެއެވެ. މާލެ ސަރަހައްދުގައި ޤާއިމްކުރާ ދެވަނަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ޤާއިމް ކުރުމުގެ މަސައްކަތް ކުރަނީ ދަމަނަވެށި އަދި ކުރީގެ ތެލެސީމިއާ ސެންޓަރު ހިންގަމުން އައި އިމާރާތުގައެވެ.
ދަމަނަވެށިން ދެމުން އައި ޚިދުމަތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ވެކްސިން ޖަހައި ދިނުމާއި، ކުޑަކުދިންގެ ހެދިބޮޑުވުން މޮނިޓަރ ކުރުމާއި، ޢާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމާއި، ބަލިތައް ދެނެގަތުމަށް ކުރާ ސްކްރީނިންގތައް ހެދުން ހިމެނެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވެދޭ ސެޝަންތައް ބޭއްވުމާއި، ކައުންސެލިންގ ޚިދުމަތްވެސް ހިމެނެއެވެ.
އަލަށް ޤާއިމްކުރާ ސެންޓަރުތަކުން ދަމަނަވެށިން ޚިދުމަތްދޭ މިންވަރަށްވުރެ ފުޅާކޮށް ޚިދުމަތް ދިނުމަށް ވަނީ އަމާޒު ހިފާފައެވެ. އެގޮތުން އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި، އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމުގެ އިންތިޒާމް ހަމަޖެހޭނެއެވެ. އަދި ޗައިލްޑް ހެލްތު ކްލިނިކް، ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް އަދި ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދާނެއެވެ.






