ފަސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބަޖެޓު ސަޕްލިމެންޓްނުކޮށް، ޚަރަދުތައް ހަމަޖައްސައިފި: ފިނޭންސް މިނިސްޓްރީ

ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް، ދައުލަތުގެ ބަޖެޓު ސަޕްލިމެންޓްނުކޮށް ދައުލަތުގެ ޚަރަދުތައް ހަމަޖައްސާފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު "ބަޖެޓު ނަތީޖާގެ ބަޔާން 2025″ ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ މާލީ އަހަރު ނިންމާލީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ބަޖެޓުގެ ތެރޭގައި ދައުލަތުގެ ހުރިހާ ޚަރަދެއް ހިފަހައްޓައިގެންނެވެ. މިއީ 2021 ވަނަ އަހަރުން ފެށިގެން ވިދިވިދިގެން ހަތަރު އަހަރު ބަޖެޓު ސަޕްލިމަންޓް ކުރަންޖެހުމަށްފަހު، މަޖިލީހުން ފާސްކުރި މިންވަރުގައި ޚަރަދުތައް ހިފެހެއްޓުނު ފުރަތަމަ ފަހަރެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މިދިޔަ އަހަރު ބަޖެޓު ތަންފީޒުކުރުމުގައި މައިގަނޑު އިސްކަމެއް ދިނީ:

  • ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް.
  • ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް.
  • ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް.

މީގެ އިތުރުން، މާލީ އިޞްލާޙީ ފިޔަވަޅުތަކުގެ ސަބަބުން ޢާންމު ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތަކާއި ސަބްސިޑީތައް ދެމެހެއްޓުމަށް ޚާއްޞަ އިސްކަމެއް ދިނެވެ. ޚަރަދު ކުޑަކުރީ ބަޖެޓު ކޮންޓްރޯލްތައް ހަރުދަނާކޮށް، ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގާ އުޞޫލަށް ގެނައި ބަދަލުތަކުންނެވެ.

ޚަރަދު ކުޑަވެ، އާމްދަނީ އިތުރުވުން

މި ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، ޖުމްލަ ޚަރަދު ހުންނާނެ ކަމަށް ލަފާކުރި 49.2 ބިލިއަން ރުފިޔާގެ ބަދަލުގައި، މިދިޔަ އަހަރު ޚަރަދުވީ 44.2 ބިލިއަން ރުފިޔާއެވެ. މިއީ ބަޖެޓުކުރި މިންވަރަށްވުރެ 5.0 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ޚަރަދުތައް ހިފެހެއްޓިއިރު، ދައުލަތަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކުރި 39.8 ބިލިއަން ރުފިޔާގެ ބަދަލުގައި، އަހަރު ނިމުނުއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 39.9 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ ލަފާކުރި މިންވަރަށްވުރެ 74.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ޖުމްލަ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބުނީ ޓެކްސް ނޫން އާމްދަނީ އިތުރުވުމުންނެވެ. މީގެ ތެރޭގައި:

  • ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ.
  • ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީ.
  • ވޯކް ޕާމިޓް ފީ ހިމެނެއެވެ.

ޓޫރިސްޓުން މަދުވިޔަސް "ބެޑް ނައިޓްސް" އިތުރު

ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ލަފާކުރި ވަރަށްވުރެ ކުޑަކޮށް މަދުވިޔަސް، އާމްދަނީގެ ކުރިއެރުން ވަނީ ހޯދާފައެވެ. މިދިޔަ އަހަރު 2,248,120 ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރި ނަމަވެސް، އައީ 2,246,516 ޓޫރިސްޓުންނެވެ. މިއީ 0.1 ޕަސެންޓުގެ ދަށްވުމެއް ނަމަވެސް، ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ލަފާކުރި މިންވަރަށްވުރެ އިތުރުވެފައިވާކަން ރިޕޯޓުގައި ފާހަގަކުރިއެވެ.

ޑެފިސިޓް ކުޑަކޮށް، ރެކޯޑު ކާމިޔާބީއެއް

ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރުވުމުން ދައުލަތުގެ ފިސްކަލް ޑެފިސިޓް ވެސް ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ. ބަޖެޓުގައި 9.4 ބިލިއަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެއް ހުންނާނެ ކަމަށް ލަފާކުރި ނަމަވެސް، އެ އަދަދު ވަނީ 4.4 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ. މިއީ އަންދާޒާކުރި މިންވަރަށް ވުރެ 5.0 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. (ޖީޑީޕީގެ ނިސްބަތުން 6.3 ޕަސެންޓޭޖް ޕޮއިންޓުގެ ދަށްވުމެކެވެ).

މިއާއެކު، 2025 ވަނަ އަހަރަކީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި އެންމެ ދަށް ފިސްކަލް ޑެފިސިޓެއް ރެކޯޑު ކުރެވުނު އަހަރަށެވެ. އަދި މިއީ 2019 އިން 2025 އަށް އެންމެ ގިނަ އާމްދަނީ ލިބުނު އަހަރުވެސް މެއެވެ.

ދައުލަތުގެ ޖުމްލަ ދަރަނި

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ބުނި ގޮތުގައި، 2025 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 154.9 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 129.8 ޕަސެންޓެވެ. ދައުލަތުން ވަނީ ދަރަނި ދެއްކުމަށްޓަކައި މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 10.1 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

މިނިސްޓްރީން ބުނީ މި ޕޮޒިޓިވް ނަތީޖާއަކީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުތައް ކާމިޔާބުކަމާއެކު ތަންފީޒު ކުރުމުގެ ނަތީޖާ ކަމަށެވެ. މީގެ ސަބަބުން ބަޖެޓުގެ އިތުބާރު ބޮޑުވެ، ދައުލަތުގެ މާލިއްޔަތަށް އޮތް ބޮޑު ޕްރެޝަރު ވަނީ ކުޑަވެފައެވެ.

ހިއްސާ ކުރައްވާ!