ދުނިޔޭގެ މަގުބޫލު ހޮޓާ ބުކިންގް ސައިޓެއް ކަމަށްވާ "ބުކިންގް ޑޮޓްކޮމް" ގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލުމަށް އާ ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އެދިއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ސްކޭމަރުން މި މެސެޖުތައް ފޮނުވަނީ ރިފަންޑެއް ދޭންވެގެން ކަމަށް ބުނެއެވެ. އަދި މިއީ ކަސްޓަމަރުންގެ ބޭންކް ކާޑުގެ މައުލޫމާތު ވަގަށް ނެގުމަށް ބޭނުންކުރާ ނުރައްކާތެރި "ފިޝިންގް ލިންކެއް" ކަމަށްވެސް ފުލުހުން ބުނެއެވެ.
އާންމުންގެ ސަމާލުކަމަށްޓަކައި، މިފަދަ ފޭކް މެސެޖުތައް ދެނެގަންނާނެ ގޮތްތައް ފުލުހުން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ފޭކް ލިންކް ބޭނުންކުރުން: ރަސްމީ booking.com ގެ ބަދަލުގައި މެސެޖުގައި ހުންނަނީ އޮޅުވާލުންތައް އެކުލެވޭ ކުރު ލިންކުތަކެކެވެ.
-
ބިރުދައްކައި އަވަސް އަރުވާލުން: "24 ގަޑިއިރު ތެރޭގައި" މިކަން ފުރިހަމަނުކޮށްފިނަމަ ގެއްލުންތަކެއް ވާނެ ކަމަށް ބުނެ، ވިސްނާލާނެ ވަގުތެއް ނުދީ ބިރުވެރިކަން އުފައްދައެވެ.
-
ކާޑުގެ ސިއްރު މައުލޫމާތު ހޯދުން: އެއްވެސް ސައްހަ ކުންފުންޏަކުން ރިފަންޑް ދިނުމަށްޓަކައި ކާޑުގެ ނަންބަރާއި، މުއްދަތު ހަމަވާ ތާރީޚު ނުވަތަ ސީވީވީ ނަންބަރު ހޯދާކަށް ލިންކެއް ނުފޮނުވާނެއެވެ.
މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށްޓަކައި ފުލުހުން ވަނީ ހާއްސަ އިރުޝާދުތަކެއް ދީފައެވެ. އެގޮތުން މެސެޖުތަކުގައި ހުންނަ ލިންކުތަކަށް ނުފިތުމަށާއި، ބޭންކުން ފޮނުވާ އޯޓީޕީ އަދި ކާޑުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން، ބުކިންގްއާ ގުޅޭ އެއްވެސް ކަމެއްގައި ޝައްކެއް އުފެދިއްޖެނަމަ، މެސެޖުން ވަނުމުގެ ބަދަލުގައި އަމިއްލައަށް ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓަށް ވަދެ މައުލޫމާތު ޗެކްކުރުމަށްވެސް އެންޓި ސްކޭމް ސެންޓަރުން ބުނެއެވެ.



